ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުން ހޯދުމަށް އެ ރަށުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ތިންވަނަ މީހާކު މިރޭ ހައްޔަރުކޮށްފި އެވެ.
ސިފައިންނާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. ދެން މިރޭ އިރާކޮޅު ވަނީ 34 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. ފުލުހުން ދެންމެގައި ބުނި ގޮތުގައި މިރޭ ދިހައެއް ޖަހަން އުޅެނިކޮށް ހައްޔަރު ކުރީ 29 އަހަރުގެ ފިރިހެނެކެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން މިއަދު އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ. މިއަދުގެ ހެނދުނު ފެށި އެ އޮޕަރޭޝަން މިރޭގެ މިހާތަނަށް އައިއިރު ވެސް ފުލުހުން ހުއްޓައެއް ނުލަ އެވެ. ފުލުހުން އަދިވެސް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.
ދާދި ފަހަކުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 ދިވެހިން ރާއްޖޭގައި އުޅެމުންދާ ކަމަށެވެ.