ދުނިޔެ

ޓްރަމްޕް އިމްޕީޗުކުރަން ފާސްކޮށް މައްސަލަ ސެނެޓަށް

Dec 19, 2019
1

ވޮޝިންގްޓަން (ޑިސެމްބަރު 19) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗުކުރަން އެގައުމުގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާންކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ދެން ވާނީ ކިހިނެތް؟

ޓްރަމްޕްގެ އިމްޕީޗުމަންޓުވެސް ދެން ދާނީ ސެނެޓަށެވެ. ހައުސްގައި ރައީސަކު އިމްޕީޗުކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓު ތެރެއިން ވުން ދުރު ކަމެކެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.

ވޯޓުގެ ކުރިން ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީއަށް ޓްރަމްޕް ވަނީ ދިގު ސިޓީއެއް ފޮނުއްވައި ޑިމޮކްރެޓުންގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ސިޓީގައި ވިދާޅުވީ އިމްޕީޗްމަންޓަކީ "އެމެރިކާގެ ޑިމޮކްރަސީއަށް އިއުލާންކުރި ހަނގުރާމައެއް" ކަމަށެވެ.

"އިމްޕީޗްމެންޓް މި ލަފުޒުގެ އަގު ކަމަނާ ވަނީ ވައްޓާލައްވައިފަ އެވެ،" ހަ ސަފުހާގެ ސިޓީގައި ޕެލޯސީއަށް އިޝާރާތް ކުރައްވާ ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.