ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އެހެން ނަމަވެސް މާދަމާ އަލިވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މާދަމާ އަލިވި ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް އޮތް ދެތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ގަޑި އިރު ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމަޔަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އަދި މި ސަރަހައްދުތަކުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. މި ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަޕްއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މޫސުމާބެހޭ އިދާރާއިން ދެމުންދާ މައުލޫމާތަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. ވިލާ ގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަސް ލަފާކޮށްފައިވާއިރު، ކަނޑު ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އުތުރާއި މެދުތެރޭގެ ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުުރަމުންދާ ވިއްސާރާގައި ރޭ މާލެއަށް ބޯކޮށް ވާރޭވެހި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ގަދަ ވަޔާއެކު މާލޭގައިވަނީ ތަފާތި ހާދިސާތަށް ހިނގާފަ އެވެ.
ގަދަ ވަޔާއެކު ރޭ މާލެއަށް ކުރި ވިއްސާރައިގެ ލިބުނު ގެއްލުންތައް:
- އަބަދަށް ފެހި މަގުގެ ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ޖަހާފައި ހުރި އެންޓެނާއެއް ވެއްޓުން.
- ބުރުޒުމަގު ހެންވެއިރު ކެފޭ ކައިޜިގައި ހުރި ގަހެއް މަގުމައްޗަށް ވެއްޓުން.
- ސޯލްޓް ކެފޭ ކައިރީގައި ޖަހާފައި ހުރި އިޝްތިހާރު ބޯޑެއް މަގުމައްޗަށް ވެއްޓުން.
މިހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ފުލުހުން ބުނީ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ހާދިސާ ހިނގި ސަރަހައްދު އާންމުންނަށް އުދަނގޫނުވާނެ ގޮތަށް ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރމުންދާ ވިއްސާރައިގައި ގަދަ ވަޔާއެކު ޅ. ނައިފަރު ކައުންސިލް އިދާރާގެ ފުރާޅުން ބައެއް ވަނީ އެއްލާލާއި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ ވައިގަދަވުމުގެ ސަބަބުން ދިމާވާ މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލާ އަޅަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގެ އެކި މަގުތކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ދަނީ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގޭގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ޖެހުމުގައި ސިފައިންނާއި ފުލުހުން ދަނީ އާންމުންނާއި ގުޅިގެން މަސައްކަތް ކުރަމުނެވެ.
ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން ވިދާޅުވީ މިހާޜު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެއްވެސް ރަށެއްގެ ފެންބޮޑުވެ, އާންމު ދިރިއުޅުމަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި މާލޭގެ ގެއަކަށް ފެންވަދެ ރިޕޯޓެއްވެސް ލިބިފައި ނުވާ ކަމަށ ްއޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ވައިގަދަވެ، ކަނޑު ގަދަވުމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިވަޑައިގެންނެވި އެވެ.