ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ގިނަ ބަޔަކު ވަަރަށް ލޯބިކުރާ ކަމެކެވެ. އެއް ނަމްބަރުތަކެއް ހިމެނޭ ތާރީހެއްގައި ނޫނީ ކައިވެނި ކުރާކަށް އެހާ "ލޯތްބެއް" ނޫނެވެ. އަދި ވަކިން ހާއްސަކޮށް 2020 އަށް ދާއިރު، މިހާރު އެންމެން ވެސް ދައްކަނީ ކައިވެނި ކުރަން ރީތި ތާރީހުތަކުގެ ވާހަކައެވެ. އެކަމަކު ފެމެލީ ކޯޓަށް އާދަޔާ ހިލާފަށް ބުރަ ދުވަހަކަށްވީ އިއްޔެ އެވެ. މިދިޔަ ދެތިން އަހަރު ތެރޭ، އެއް ދުވަހެއްގައި މީހުން ކައިވެނި ނުކުރާ ވަރަށް 19.12.19 ގައި ކައިވެނިކޮށްފި އެވެ. މާ ރީތި ނޫން ނަމަވެސް ގިނަ ބަޔަކަށް އިއްޔެގެ ތާރީހު ކަމުދިޔައީ 19-19 އެއް ހިމެނޭތީ އެވެ.
ފެމިލީ ކޯޓްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވި ގޮތުގައި އިއްޔެ އެ ކޯޓުން 38 ކައިވެންޏެއް ކޮށްދިނެވެ. އޭގެ ތެރެއިން 12 ކައިވެންޏެއް ކުރީ އެ ކޯޓުގަ އެވެ. އަނެއް 26 ކައިވެނި ކޮށްފައިވަނީ އެ އާއިލާތައް ބޭނުންވާ އެހެން ތަންތަނުގަ އެވެ.
އެއީ ފެމިލީ ކޯޓުގެ ތާރީހުގައި ކުޑަވަރެއްގެ ރެކޯޑެކެވެ. ހަމަ ޔަގީނުންވެސް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި މި އަދަދަށް ކައިވެނިކޮށްފައެއް ނުވެއެވެ. އެހެންކަމުން 2019-12-19 ވެގެން މި ދިޔައީ އަހަރުގެ އެންމެ ގިނަ ކައިވެނި ކުރި ދުވަހަށެވެ.
ލޯބިވެރިންނަށް 2020 ވަރަށް ހާއްސަ
ކުރިއަށް އޮތީ 2020 ވަނަ އަހަރެވެ. އައު އަހަރުގެ ރީތި ތާރީހުތައް ކަލަންޑަރުގައި ފާހަގަކޮށް މިހާރުވެސް އެތައް ބަޔަކު ދަނީ ޕްލޭންތައް ހަދާ ރާވަމުންނެވެ.
ވިހިވިހީގައި ރީތިި ވަރަށް ގިނަ ތާރީހުތައް ހުރި ނަމަވެސް ބައެއް ތާރީހުތަކުގައި ކައިވެންޏެއް ނުކޮށްދެ އެވެ. އެއީ ފެމެލީ ކޯޓްގެ ރަސްމީ ބަންދު ދުވަސްތަކަށް އެ ތާރީހުތައް ދިމާވާތީއެވެ. ހާއްސަކޮށް ރީތި ވަރަށް ގިނަ ތާރީހުތައް 2020 ގައި ދިމާވަނީ ހޮނިހިރު ދުވަހަށެވެ. ހޮނިހިރު ދުވަަހަކީ ކޯޓުން ކައިވެނިކޮށްދޭ ދުވަހެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ތާރީހުތަކަށް ބަލާލާއިރު، 2020-04-04، 2020-06-06، 2020-08-08 އަދި 2020-12-12 ވެސް ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ.
ނަމަވެސް އެންމެ ރީތި ތާރީހުތަކުގައި ކައިވެނި ކުރުމުގެ ފުރުސަތު 2020 ގައި އެބައޮތެވެ. އެއް ދުވަހަކީ 2020-02-02 އެވެ. އަދި ހަމަ އެމަހު 2020-02-20 ވެސް އޮތީއެވެ. މީގެ އިތުރުން 2020-10-20 ވެސް މިއީ ރީތި ތާރީހެކެވެ. ކައިވެނި ކުރުމުގެ ފުރުސަތު މި ތާރީހުތަކުގައި އޮންނާނެ އެވެ.
2020 ގައި ކައިވެނިކޮށް ނުދޭނެ ދުވަސްތައް
ފެމިލީ ކޯޓުން ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުވެސް އެއްވެސް ހޮނިހިރެއްގައި ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި ގުޅިގެން އޭޕްރީލް 23 އަދި 24 ގައި ކައިވެނިކޮށް ނުދޭނެއެވެ. ދެން އޮތީ ފިތުރު އީދާއި ގުޅިގެން މެއި 24 ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަ ދުވަހުވެސް ކޯޓަށް ބަންދެވެ. މިނިވަން ދުވަހާއި ގުޅިގެން ޖުލައި 26 އަދި 27 ގައިވެސް އެ ކޯޓްގައި ކައިވެނިކޮށް ނުދޭނެއެވެ. ދެން ހިމެނެނީ އަލްހާ އީދާއި ގުޅިގެން އޯގަސްޓް މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހެވެ.
ކައިވެނި ކޮށްދޭނެ ވަގުތުތަކަކީ ރަސްމީ ގަޑީގައި ހެނދުނު 10:00 ފެށިގެން 11:30 އަށް އަދި މެންދުރު ފަހު 13:00 ފެށިގެން 13:30 ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ. ނުރަސްމީ ގަޑީގައި 16:00 ފެށިގެން 21:00 ށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދެވޭނީ 16:00 ފެށިގެން 22:00 ކަމަށްވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
ކައިވެނި ޕްރަގްރާމަށް ލުޔެއް
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި ސްލިޕްއެއް ހުށަހަޅާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
އަދި ސްލިޕް ނެގުމަށް ކިޔޫގައި ތިބެން ނުޖެހޭނެ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ. ސްލިޕްގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ހުށަހަޅަންޖެހެނީ ފެމިލީ ކޯޓުގެ ކާވެނިކޮށްދިނުމާއި ރަޖިސްޓްރީކުރުމާއިބެހޭ ބައިގެ ރިސެޕްޝަނަށެވެ. އެހެންވީމަ 2020 މި އޮތީވެސް ލުޔެކެވެ.