މޯލްޑިވްސް އިމިގްރޭޝަން

ދިވެހިންނާ ކައިވެނިކޮށްގެން ކުށުގެ ވެއްޓަށް

Mar 1, 2022
4

ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހިމެނޭނެ އެވެ. މީގެތެރޭގައި ގާނޫނުތަކާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީ ބޮޑުވުމަކީ ވަކިން ބޮޑު މައްސަލަ އެކެވެ. ކޮވިޑާ ގުޅިގެން އެފަދަ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތަކެއް 2020 ވަނަ އަހަރު ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެ ޕްރޮގްރާމު އޭރު ކުރިއަށް ގެންދިޔަ ގޮތަކަށް މިހާރު އެކަމެއް ނުކުރެ އެވެ. ދެން އޮތް މައްސަލަ އަކީ ރާއްޖޭގައި ތިބެގެން ސީދާ ކުށްކޮށްގެން މާލީ ފައިދާ ހޯދުމުގެ ފަސޭހަ އަކަށް ދިވެހިންނާ ކައިވެނިކުރުމުގެ މައްސަލަ އެވެ. މިމައްސަލައާއި ގުޅިފައިވާ އިގްތިސޯދީ، އިޖުތިމާއީ އަދި ދީނީ އެތައް މައްސަލަތަކެއް އެބަހުއްޓެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަތަކާ ގުޅޭ އެއް އިދާރާ އަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. ބިދޭސީން ރާއްޖޭގައި ތިބެގެން ހިންގާ ކުށްތަކާ ގުޅޭ އެތައް މައްސަލަތަކެއް އެ އިދާރާ އިން މިދިޔަ ހަފްތާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިމަހުގެ 23 ވަނަ ދުވަހު ހާޒިރުވެވަޑައިގެންނެވި އިމިގްރޭޝަންގެ ވެރިން ވަނީ ފިއްކަނޑައިގެންދާ ޒާތުގެ އެތައް މައުލޫމާތެއް ހިއްސާކޮށްފަ އެވެ. ބިދޭސީން ކުށްކޮށްގެން މާލީ ފައިދާ ހޯދުމަށް ނުކުރާ ކުށެއް ނެތެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް، އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ދިވެހިންނާ ކައިވެނި ކޮށްގެން ބިދޭސީން ހިންގާ ކުށްތައް އިތުރުވަމުން ދިއުމެވެ.

"ބިދޭސީއަކުން ދިވެއްސަކާ ކައިވެނި ކުރަން ހުށަހެޅުމުން އަޅުގަނޑުމެންނަށް ކޯޓުން ފޮނުވާނެ މައުލޫމާތު ސާފުކޮށް ބެކްގްރައުންޑް ޗެކް ކުރަން. އަޅުގަނޑުމެން އެ ހުށަހެޅުމެއް ރިޖެކްޓް ކުރި ނަމަވެސް ކައިވެނި ކޮށްދެމުންދޭ. ކައިވެނި ކުރުމަކީ އަސާސީ ހައްގަކަށް ވާތީ އެކަން ކޮށްދޭ" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިސަރުން ދެކޭ ގޮތުގައި ގިނަ ބިދޭސީން ދިވެހިންނާ ކައިވެނި ކުރަނީ ލޯބި ވެގެން ދާއިމީ ދިރިއުޅުމެއްގައި އުޅޭކަށް ނޫނެވެ. އެފަދަ ބިދޭސީންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އެ މީހުން ދިރިއުޅޭ ދުވަސްވަރު ބިދޭސީ އަކަށް ވީތީ ހުންނަ "ލިމިޓް"ތައް ކުޑަކުރުމެވެ. ކުށެއް ކޮށްފައި އެ ކުށުން ފަސޭހައިން ސަލާމަތްވުމަށް ހިޔާރުކުރާ ވަސީލަތަކަށް ހެދުމަށް ކައިވެނި ކުރަނީ އެވެ. ކުށެއް ކޮށްގެން ހައްޔަރުކުރި ނަމަވެސް އެ ކުށުން އެ ބިދޭސީ މީހާ ސަލާމަތް ކުރަން ދިވެހި މީހާ ދައުލަތުގެ އިދާރާތަކަށް ދުވަން މަޖުބޫރުކުރުވާ ކަމަކަށް ކައިވެނި އޮންނަނީ ވެފަ އެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅެނިކޮށް ހައްޔަރުކުރާ ބިދޭސީންގެ ތެރޭގައި މީހުންނަށް ވުރެ އުމުރުގެ ގޮތުން މާބޮޑަށް ވެސް ދޮށީ މީހުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ގިނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ޝިފާން ވިދާޅުވި ގޮތުގައި ބޭނުމަކީ ދިވެއްސަކާ ކައިވެނިކޮށްގެން މެރިޖު ވިސާ ހޯދުމެވެ. އެ ވިސާއާ އެކު ދިވެއްސަކަށް ލިބޭ ވަރަށް ގިނަ ހައްގުތަކާއި ފުރުސަތުތައް ބިދޭސީ މީހާ އަށް ލިބެ އެވެ. އެ ވިސާއާ އެކު ބިދޭސީން ކުރާ ކުށްތަކަށް ފިޔަވަޅު އެޅުމުގައި އިދާރާތަކަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓުވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ތަފާތު ކުށްތައް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ބިދޭސީންގެ ތެރޭގައި ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީން ގިނަ ކަމަށް ޝިފާން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބެ ބޮޑެތި ކުށްތައް ކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ބްލެކް ލިސްޓް ކުރުމަކީ ބިދޭސީ ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް އިމިގްރޭޝަނުން އަޅާ ފިޔަވަޅެވެ. ބައެއް ފަހަރު އެފަދަ ބިދޭސީން މުޅި އުމުރަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑިޕޯޓްކޮށްލަ އެެވެ. އެކަމަކު އެފަދަ ބިދޭސީން އަނބުރާ ރާއްޖެ ގެނައުމަށް އެ މީހުން މިހާރު އިތުރު އުކުޅުތައް ބޭނުންކުރަން ފަށައިފި އެވެ. ކައިވެނިކުރުމާ އެކު އަވަހަށް ދަރިން ހޯދުމާއި، ފުރައިގެންދާއިރު ދިވެހި މީހާ ވެސް ގޮވައިގެން ފުރާ ކަން އިމިގްރޭޝަނަށް ފާހަގަކުރެވެ އެވެ. ބޭނުމަކީ އެފަދަ ކައިވެނިން ހޯދާ ދަރިންގެ މަސްލަހަތުތައް ކުރިއަށް ނެރުމަށްފަހު ބިދޭސީ މީހާ އަނބުރާ ރާއްޖެ އައުމަށް މަސައްކަތް ކުރުމެވެ.

ޝިފާން ވިދާޅުވީ ޑިޕޯޓްކޮށްފައި ތިބޭ ބިދޭސީން ރާއްޖެ ގެނައުމަށް އެޗްއާރްސީއެމް ފަދަ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން އެ ބިދޭސީ މީހާ ގެންނަން ގިނަ މަސައްކަތްތަކެއް ދިވެހިން ކުރާ ކަމަށެވެ. އެކަން ކުރަނީ ބިދޭސީންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެ މީހުންގެ ފަރާތުން މަންފާ ލިބޭ މީހުންނެވެ. އަދި އެގޮތަށް ފޮނުވާލާ ބިދޭސީން އެ މީހުންނަށް ލިބޭ ދަރިންނަށް ހަރަދު ނުކުރުމުން އާއިލާތައް ބިކަވެ އެފަދަ ކައިވެނިތަކުން ލިބޭ ކުދިންނާ ދައުލަތުން ހަވާލުވާންޖެހޭ މައްސަލަ ވެސް ބޮޑެވެ.

"ދަރިން ތިއްބާ ބިދޭސީ މީހާ އިމިގްރޭޝަނުން ފޮނުވާލުމުން އެންމެ ފަހުން ހަރަދު ނުލިބި އެ ކުއްޖާ އަށް ދައުލަތަށް ބަލަދު އަރަނީ،" ޝިފާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ މަހެއްގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ކުށުގެ 11 މީހަކު ފޮނުވާލާފައިވެ އެވެ. ހަށިވިއްކުމުގެ ވިޔަފާރިއާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 46 ބިދޭސީ އަކު ޑިޕޯޓްކޮށްފައިވެ އެވެ.

ދިވެހިންނާ ކައިވެނިކުރާ ބިދޭސީން ރާއްޖެގައި ދުވަސްކޮޅަކު އުޅުމަށްފަހު ފުރައިގެން ގޮސް ހަބަރެއް ނުވާ މައްސަލަތައް ވެސް އިތުރުވަމުންދެ އެވެ. އެފަދަ މައްސަލަތަކުގައި ކައިވެނި ރޫޅާލަން ދިމާވާ ދިވެހި މީހާ އަށް ވަރި ސާބިތުކުރުމުގައި މަދުން ނަމަވެސް މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ.

ޝިފާން ވިދާޅުވީ ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ހިންގާ ކުށްތަކުގައި އޭނާގެ ދިވެހި ބައިވެރިޔާ ބައެއް ފަހަރު ބައިވެރިކޮށްފައި ހުންނަ ކަމަށެވެ. އަދި ކުށްކޮށްފައި ހުންނަ ގޮތުން މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދުމަށް ދިމާވާ އުދަގޫތަކާ އެކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަން ވެސް ދަތިވެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ބިދޭސީން ދިވެހިންނާ 106 ކައިވެނި ކޮށްފައިވެ އެވެ. މީގެތެރޭގައި 76 ބިދޭސީ އަންހެނުންނާއި 30 ބިދޭސީ ފިރިހެނުން ހިމެނެ އެވެ. ރާއްޖޭގައި ކުރެވޭ ކައިވެނީގެ އަދަދަށް ބަލާއިރު އެއީ މަދު އަދަދެއް ނޫނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ބިދޭސީން، ރާއްޖޭގައި ތިބެގެން އެ ވިޔަފާރި ކުރުމުގެ ފަސޭހައަކަށްޓަކައި ދިވެހި އަންހެނުންނާއި ކައިވެނިކުރަމުންދާ ކަމަށް ފުލުހުންގެ ތަހުގީގުތަކުން ވެސް ފާހަގަކުރެވިފައިވެ އެވެ. އެފަދަ ދެމަފިރިޔަކު ޑްރަގް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ގޮތް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ނޫސްވެރިންނަށް ވަރަށް ތަފްސީލްކޮށް ދައްކާލާފަ އެވެ.

ޑްރަގު ވިޔަފާރީގައި އުޅޭ އެފަދަ އެކަކީ އިންޑިއާގެ ފިރިހެނެކެވެ. މާލޭ މީހަކާ ކައިވެނިކޮށްގެން އޭނާ ވަނީ ތަފާތު ވިޔަފާރިތަކަށް އިންވެސްޓްކޮށްފަ އެވެ. ރާއްޖެއަށް އޭނާ އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތަކުގައި ޑްރަގްސް ބަންދުކޮށްގެން އެ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކާލުމަށް އެޖެންޓުންގެ ގޮތުގައި މައިގަނޑު ގޮތެއްގައި އޭނާ ބޭނުންކުރަނީ ބިދޭސީންނެވެ.

މީގެތެރޭގައި މިސަރަހައްދުގެ ގައުމުތަކަށް ނިސްބަތްވާ ފިރިހެނުން ފަދައިން ޑްރަގްސް ވިޔަފާރިއަށް ސީދާ އަމާޒުކޮށްގެން ތަމްރީން ދީފައިވާ ބިދޭސީ އަންހެނުން ވެސް އެ ބިދޭސީ މީހާގެ ވިޔަފާރީގައި ޝާމިކްކޮށްފައިވެ އެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ރަށްތަކަށް ބިދޭސީން ފޮނުވައިގެން އެތަންތަނުގައި އޭނާގެ ބިދޭސީ އެޖެންޓުން ގާއިމުވެ ތިބެ އެ ވިޔަފާރި ކުރާ ގޮތަށްވެސް އިންތިޒާމުތައް ރާވާފައިވެ އެވެ.

ބިދޭސީން ދިވެހިންނާ ކައިވެނިކޮށްގެން ހިންގާ ކުށްތައް ހުއްޓުވަން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަންޖެހެ އެވެ. އެ މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ އިތުރު ބިދޭސީންނަށް ރާއްޖޭގައި ކުށްކުރަށް ފުރުސަތު ދެވޭ ދުވަހެކެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހި އެތައް އާއިލާއެއް ބިކަވެ މައްސަލަތައް ހައްލުކުރުން އުދަގޫވުމެވެ.