ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އޮގަސްޓު ގއ. ވިލިނގިލީގައި އެމްޑީޕީން ބޭއްވި ދެކުނުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގެ ބަޖެޓުން ޓިކެޓު ނެންގެވި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށް ރައީސް ނަޝީދު ކުރެއްވީ ރަސްމީ ދަތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ބުނެފައިވެ އެވެ. އޭގެ ފަހުގައި، ހުވަދު އަތޮޅުގެ އެހެން ރަށްރަށާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި އެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ދަތުރުފުޅުތަކެކެވެ.
ރައީސް ނަޝީދުގެ އެ ދަތުރުފުޅުގައި ޓިކެޓު ނެންގެވީ މަޖިލީހުގެ ބަޖެޓުން ކަމަށާއި މަޖިލީހުގެ އިދާރާގެ މީޑިއާ ވަސީލަތްތަކާއި މީޑިއާ މުވައްޒަފުން ބޭނުން ކުރި ކަމަށް ބުނެ އޭސީސީއަށް އެ މައްސަލަ ހުށަހެޅީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގަ އެވެ.