ހަބަރު

ލާމަރުކަޒީ ނިޒާމާއެކު ސިއްހީ ހިދުމަތް ކުރިއެރުވުމުގެ ޒިންމާ ކައުންސިލަށް ބޮޑު: ރައީސް

ލާމަރުކަޒީ ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ އާންމު ސިއްހީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާއި އަދި ރައްޔިތުންނަށް ދޭންޖެހޭ ސިއްހީ ހިދުމަތްތަށް މިހާރަށްވުރެ ފުޅާކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން މަގު ފަހި ކޮށްދިނުމަކީ މިހާރު ކައުންސިލުން އުފުލުން ޖެހިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ހިތަދޫގައި ސިއްހީ ހިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށު ސްކޫލްގައި ބޭއްވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ދައްކަވަމުން ރައީސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިއްހީ ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ސިއްހީ ހިދުމަތް ތަރައްގީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމަށާއި، އަދި ސިއްހީ ހިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެއްޖެކަމުގައި ވެސް ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން، ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތަކާއި، ސިއްހީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތްތައްވެސް. އާންމު ސިއްހަތާ ގުޅިފައި ހުރި އެހެން ހިދުމަތްތައް" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ ރައްޔިތުން އެދޭ ގޮތަށް ވީހާވެސް ގާތުން ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. މިބަދަލުތަކާއެކު ސަރުކާރުން އެދެނީ، ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުހެލިވެ ރައްކާތެރިވެވޭނެ އާންމު ސިއްހަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ގާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކޮށްދިނުމަށްކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ރަށްރަށުގެ އާއްމު ސިއްހީ ހިދުމަތްތެރިން، ގަވާއިިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ހާލުއަހުވާލު ބަލައި، ސިއްހީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ސިއްހީ ހިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސްކުރަން" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތް ލިބިގަތުމުގަޔާއި ހިދުމަތް ދިނުމުގައި އަދި ހިދުމަތާ ދޭތެރޭ ވެސް، މުޅިން އާ ވިސްނުންތަކެއް ގެންގުޅޭކަމަށާއި، އޭގެ އެއް ވިސްނުމަކީ ޖުމްލަ ގޮތެއްގައި ހިދުމަތް ދެވޭނެ ނިޒާމެއް ރޭވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަކީ އެ ވިސްނުމުގައި ކުރާ ކަމެއް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުންވެސް ހިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވީވަރަކުން ކުޑަކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމުގައި ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މޯބައިލް ލެބޯޓެރީގެ ހިދުމަތް ލ. އަތޮޅުގައި ތަޢާރަފްކޮށް ރަށްރަށުން ބަލިމީހުންގެ ސާމްޕަލް ނަގައިގެން، ލެބޯޓެރީ ހުންނަ ރަށަށް ގެންގޮސް، ލެބޯޓެރީގައި ތަހުލީލުކޮށް، ބަލިމީހާއަށް އޭގެ ނަތީޖާ ފޯރުކޮށްދިނުމުގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިޔުމަކީ ސަރުކާރު އަމާޒެއް ކަމަށެވެ.