ކުށްތަކަށް އަރައިގަންނަ މީހުން ފަސޭހައިން ދެނެގަތުމަށްޓަކައި ހުރިހާ ދިވެހިންގެ ޑީއެންއޭ ރައްކާކުރެވޭނެ ޑޭޓާ ބޭސްއެއް ހަދަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހުރިހާ ދިވެހިންގެ ޑީއެންއޭ ރައްކާކުރެވޭނެ ޑޭޓާ ބޭސްއެއް ހެދުމަށް މެންބަރު ނާޒިމް ގޮވާލެއްވީ ހުޅުމާލޭގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް ހޯދުމުގައި އަދިވެސް ކުރިއެރުމެއް ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.
ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މެންބަރު ނާޒިމް ވިދާޅުވީ ކުށްތަކަށް އަރައިގަންނަ މީހުން ފަސޭހައިން ދެނެގަތުމަށްޓަކައި ހުރިހާ ދިވެހިންގެ ޑީއެންއޭ ނަގާ، ރައްކާކުރެވޭނެ ޑޭޓާ ބޭސްއެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލަން ބޭނުންކުރި ހަތިޔާރު ހޯދި، ގާތިލުންގެ ޑީއެންއޭ އަދި ފިންގާޕްރިންޓް ފެނުނު ފަހުން 10 ދުވަސްވީއިރު، މިހާތަނަށްވެސް އެ މީހުން ހައްޔަރުކުރެވިފައި ނެތީ އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިފައި ނެތުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ގާނޫނަށް ތަބާވާ ދިވެހި ރައްޔިތުންނާއި އެރައްޔިތުންގެ މުދާ ހިމާޔަތް ކޮށް ދިވެހި ގައުމަކީ ސަލާމަތްތެރި ތަނަކަށް ހަދަން ޖެހޭ." ނާޒިމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންގެ ޑީއެންއޭ އަދި ފިންގާޕްރިންޓް ހޯދިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ގާސިމްގެ މަރަށް ހަފްތާއެއް ފަހުން އެ މަރާ ގުޅޭ ތަފްސީލް ފުރަތަމަ ފަހަރަށް ހާމަކުރައްވާ ސީޕީ އެދުވަހު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަަމަލާދިން އާލަތް ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާއެކު ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ ހުޅުމާލޭގައި ގާސިމްގެ ޓެކްސީ އެންމެ ފަހުން ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖްވެސް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ.
ގާނޫނަށް ތަބާވާ ދިވެހި ރައްޔިތުންނާއި އެރައްޔިތުންގެ މުދާ ހިމާޔަތް ކޮށް ދިވެހި ގައުމަކީ ސަލާމަތްތެރި ތަނަކަށް ހަދަން ޖެހޭކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް | ދަނގެތީ ދާއިރާގެ މެންބަރު
ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ.