ގާސިމް ހަސަންގެ މަރު

ގާސިމްގެ އާއިލާއަށް އިންސާފު ހޯދޭނެ: އިމްރާން

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފު ކުރައްވައިފި އެވެ.

ގާސިމް ހަސަންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓް ރިޓްވީޓް ކުރައްވާ ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަން އިން ސާބިތުކޮށްދެނީ ދިވެހި ފުލުުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށެވެ.

"ވަކިން ހާއްސަކޮށް ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާގައި ފުލުހުންގެ ގާބިލްކަން. އިރާދަކުރެއްވިއްޔާ އާއިލާއަށް އިންސާފު ހޯދޭނެ." އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށެވެ. އެއީ ފިރިހެނެކެވެ. އަދި ގާސިމްގެ ގާތިލުން ހޯދަން ފުލުހުުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ މެދު ފަހުރުވެރިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ހާމަކުރަންޖެހޭ ބައެއް މައުލޫމާތުތައް މާދަމާ ހާމަ ކުރާނެ ކަމަށެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ގާސިމް މަރާލާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ މައުލޫމާތެއް ހާމަކޮށްފައިވަނީ ގާސިމްގެ މަރަށް ހަތް ދުވަސް ފަހުންނެވެ.

މިމަހުގެ 12 ވަނަ ދުވަހު ސީޕީ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަަމަލާދިން ހަތިޔާރު ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާއެކު ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހުޅުމާލޭގައި ގާސިމްގެ ޓެކްސީ އެންމެ ފަހުން ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖްވެސް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.