ވިޔަފާރި

މިހާތަނަށް ޓޫރިޒަމަަށް 14.9 ޕަސެންޓުގެ ކުރިއެރުމެއް

Dec 20, 2019
2

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަަށް 14.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް 1.5 މިލިއަން މީހުންގެ 52 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނެވެ. އަދި ފިރިހެނުންގެ ހިއްސާއަކީ 48 ޕަސެންޓެވެ.

މިދިޔަ މަހު އެކަނި ރާއްޖެ އަށް 137،913 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އައި 125،604 މީހުންނާ އަޅާ ބަލާއިރު 9.8 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން 267،8765 މީހުން އައިސްފައިވެ އެވެ. މިއީ 0.6 ޕަސެންޓުގެ އިތުރު ވުމެކެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 145،047 ނަމަވެސް އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 9.13 ޕަސެންޓް އިތުރުވެފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވާ ގައުމަކީ ޖަރުމަނެވެ.

އެ ގައުމުން މިދިޔަ މަހު 115،049 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 12.7 ޕަސެންޓް އިތުރުވެފަ އެވެ. ހަތަރު ވަނައަށް އެންމެ ގިނައިން މީހުން އައި އިނގިރޭސިވިލާތުން 114،222 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި މީހުންގެ އަދަދު ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރު 1.5 މިލިއަން ވަނަ ޓޫރިސްޓު އައުން ސަރުކާރުން ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފަ އެވެ. މި ރެކޯޑު ހާސިލް ކުރި މީހާ އައިސްފައިވަނީ ރަޝިއާއިންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ރާއްޖެ އަށް 1.6 މިލިއަން މީހުން މިހާރު ވަނީ އައިސްފަ އެވެ.