ރިޕޯޓް

ނާސިރާއި ރާނީ ބޭނުން ކުރެއްވި ކާރު ނީލަމަށް، އަނެއްކާވެސް ތާރީހުގެ ތެރެއަށް

Aug 26, 2015
7

ލިލީ މަގުގައި ހުންނަ މުލިއާގެ ގަރާޖުގައި ބާއްވާފައި އޮންނަ ޗާވެލޮޮޓް ކާރު ކުންފުނިން 1900 ގެ އަހަރުތަކުގައި އުފެއްދި އިމްޕާލާ ސީރީޒްގެ ފަސް ވަނަ ޖެނެރޭޝަންގެ ކްރީމް ކުލައި ކާރު ފެންނަ މީހަކު ހިތަށް އަރާނެ އެވެ؛ ފެންނަ ފެނުމަށް އެއީ ބާ ދަގަނޑުގެ ގޮތު ނައްތާލަން ވެފައި އޮތް ކާރެކެވެ. ފުރޮޅުތައް ވެސް ހަލާކުވެ ކާރުގެ ކުލަވެސް ވެއްޓިފަ އެވެ. އިންޖީނުގައި ވެސް ދަބަރު ޖަހާފަ އެވެ. މި ހާލަތުގައި އޮތް ކާރެއް ބާ ދަގަނޑުގެ ގޮތުގައި ދޫކޮށްލުން ފިޔަވައި އެއިން މީހަކު ކުރާނީ ކޮން ބޭނުމެއް ހެއްޔެވެ؟

"މިއީ ވަރަށް ތާރީހީ ކާރެއް. މިއަށް ޝައުގުވެރިވެގެން ވަރަށް ގިނަ ބަޔަކު އެބަ އާދޭ. މި ކާރު ނީލަމުގައި ވިއްކާލަން ސަރުކާރުން ވަނީ ނިންމާފައި،" ގަރާޖުގެ މުވައްޒަފަކު ބުންޏެވެ.

ދުވަސްވެ ފަނާވަމުންދާ އެ ކާރަކީ ހަގީގަތުގައި ވެސް ތާރީހީ އަދި ޝަރަފުވެރި ކާރެކެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ނިލަމުގައި ވިއްކާލާނަމަ ބޮޑު އަގެގައި ގަތުމަށް އެތަކެއް ބަޔަކު ކިޔޫ ހަދާފާނެ ކާރެކެވެ.

މި ކާރަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދައުލަތުގެ ނިޝާން ޖަހައި ނާސިރުގެ ރަސްމީ ދަތުރުފުޅުތަކުގައި ބޭނުން ކުރެއްވި ކާރެކެވެ. ރައީސް ނާސިރުގެ ސަބަބުން އެ ކާރު ހާއްސަވެ، ކާރަށް ޝަރަފުވެރިކަން ލިބިގެންދާއިރު އެ ހައިބަތާއި ޝަރަފު އެ ކާރަށް އިތުރުކޮށްދޭ މުހިންމު، ތާރީހީ އެހެން ސަބަބެއް ވެސް އެބައޮތެވެ. މި ހާއްސަ ކާރަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދޭއް، 1972 ގައި މާލެއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވެސް ބޭނުންފުޅު ކުރެއްވި ކާރަށް ވުމުންނެވެ. އެހެން ކަމުން މިއީ ހައިބަތެއް އޮތް ޝަރަފުވެރި ކާރެކެވެ. ތާރީހީ ކާރެކެވެ. ބާދަގަނޑުގެ ގޮތުގައި ދޫކޮށްލެވެން ނެތް ކާރެކެވެ.

އިނގިރޭސި ރާނީގެ ދަތުރުފުޅަށް 43 އަހަރު، މިއަހަރު ފުރޭ އިރު މި ހާއްސަ ކާރަށް އެއަށް ވުރެ މާ ގިނަ ދުވަސް ވެދާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ތާރީހީ ގޮތުން ސީދާ އެ އެކާރުގެ މާ ގިނަ ތަފުސީލެއް މިހާރަކު މުޅީން ސާފުވާކަށް ނެތެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނާސިރާއި ރާނީވެސް ބޭނުންފުޅު ކުރެއްވި އެ ކާރު ނީލަމުގައި "ދުއްވާލަން" ނިްމާފައިވާއިރު ކާރުގެ ނީލަން ފަށާނީ 50،000ރ. އިންނެވެ. މި ހަފްތާ ނިމުުމުގެ ކުރިން، އެ ކާރު އެމްޓީސީސީގެ ނީލުގައި ވިއްކާލާނެ އެވެ.

"ރާއްޖޭގެ ފަރާތްތަކުން ވެސް ބޭރުގެ ފަރާތްތަކުން ވެސް މި ކާރުގެ ނީލަމުގައި ބިޑް ކުރުމުގެ ފުރުސަތު އޮންނާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

މިހާރު ވެސް މި ކާރަށް ޝައުގުވެރިވާ އެތައް ބަޔަކު އެބަ ތިއްބެވެ. ކާރުގެ ނީލަމަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ލޯ އަޅައި ނީލަމުގައި ކިޔޫޖެހޭނެ ވިޔަފާރިވެރިން ތިބޭނެ އެވެ. ތާރީހީ ގޮތުން އަގު ބޮޑު ކާރަކަށްވުމުންނެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކާރު ނީލަމުގައި އާދައިގެ އަގެއްގައި ދާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމުން ކާރު އަނެއްކާވެސް ތާރީހުގެ ތެރެއަށް ވަދެގެންދާނެ އެވެ.