ގާސިމް ހަސަންގެ މަރު

ހައްޔަރުކުރި މީހާ، ގާސިމް މަރާލި ކަމަށް އެއްބަސްވެއްޖެ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަންގެ މަރާ ގުޅިގެން ހައްޔަކުރި މީހާ، ގާސިމް މަރާލި ކަމަށް އެއްބަސްވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ރޭ ހައްޔަކުރި މީހާ، ގާސިމް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ގާސިމަށް ހަމަލާދިން ރޭ އޭނާ ލައިގެން ހުރި އަންނައުވެސް ފުލުުހުން ހޯދާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން ހައްޔަކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި ގާސިމްގެ މަރާ ގުޅިގެން އިތުރަށް ހޯދަންޖެހޭ ހެކިތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ގާސިމްގެ މަރާ ގުޅޭ ތަފްސީލް ހާމަކުރުމަށް ފެށޭ ހަފްތާގައި ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ގާސިމް މަރާލާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ މައުލޫމާތެއް ހާމަކޮށްފައިވަނީ ގާސިމްގެ މަރަށް ހަތް ދުވަސް ފަހުންނެވެ.

މިމަހުގެ 12 ވަނަ ދުވަހު ސީޕީ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ގާސިމަށް ހަަމަލާދިން ހަތިޔާރު ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާއެކު ގާސިމްގެ ގާތިލުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހުޅުމާލޭގައި ގާސިމްގެ ޓެކްސީ އެންމެ ފަހުން ދުއްވާފައިވާ ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖްވެސް ބަލާ ދިރާސާކޮށްފައިވާ ކަމަށެވެ.

ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.

މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ.