ހަބަރު

ހޯދަމުންދާ ޑިންގީ ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު

މާމިގިލިން ފުރައިގެން ފީއަލި އަށް ދަތުރުކުރަނިކޮށް ގެއްލުނު ޑިންގީ ފެނިފައިވާ ކަމަށާ ޑިންގީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރިން އެމްއެންޑީއެފްގެ ހެޑްކްއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން ކާސްޓްގާޑްގެ ކޮމަޑާން ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ގެއްލުނު ޑިންގީ ފެނިފައިވަނީ މިރޭ 20:00 އެހާކަންހާއިރު ކަމަށެވެ. ޑިންގީ ފެނިފައިވަނީ ފ. ހިމިތީގެ ހުޅަނގުން ހަތް ނޯޓިކަލް މޭލް ބޭރުގައި ވަނިކޮށް ކަމަށާ ކޯސްޓްގާޑްގެ އެހީތެރިކަމުގައި އެ ޑިންގީ މިހާރު ދަނީ ފީއަލި އަށް ދަތުރުކުރަމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޑިންގީ ގެއްލެން ދިމާވީ މޫސުން ގޯސްވުމުން ދަތުރުކުރާނެ ދިމާ ނޭންގުމުގެ ސަބަބުން ކަމަށެވެ.

"މީގައި ތިބި ކުދިންގެ ހާލު ރަނގަޅު ކަމަށް، އަދި އަޅުގަނޑުމެން ދެން އިތުރަށް ބަލަންޖެހޭ މެޑިކަލް ކަންކަން އެ ރަށައް ދެވުނީމަ ހަދާނެ ކަމަށް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިވަގުތަކީ މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައިވާ ވަގުތެއް ކަމަށާ މީގެ ކުރިންވެސް މިފަދަ ކުދިކުދި ޑިންގީތަކުގައި ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ކަމަށެވެ.

އެ ގިންޑީ މާމިގިލިން ފުރީ މިއަދު 14:15 އެހާކަންހާއިރުއެވެ. އޭގައި ތިބި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކީ ޑިންގީގައި ހުރި ފިރިހެން މީހާގެ ދެ ކުދިންނެވެ. ދެން ހުރީ ފިރިހެން މީހާގެ އާއިލާ ކުއްޖެކެވެ.

މާމިގިލިން ފީއަލި އަށް ދިއުމަށް ޑިންގީއެއްގައި ހޭދަވަނީ 50 މިނެޓެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. އދ އަތޮޅުން ތ އަތޮޅަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.