ކުޑަކުދިން ކިޔަވަން ފޮނުވުމާއި، ވެކްސިން ދިނުމަށް އިންކާރުކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އެ ކުއްޖާގެ މައިންބަފައިން އަތުން ނަގާ، އާއިލާގެ އެހެން މީހާ އެ ކުއްޖާ ބެލުމުގެ ޒިންމާ ހަވާލުކޮށްފި އެވެ.
ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ކިޔަވަން ފޮނުވުމާއި، ވެކްސިން ދިނުމަށް އިންކާރުކުރި އާއިލާއަކަށް ޖެންޑާ މިނިސްޓްރީން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެ ނަސޭހަތް ގަބޫލުކުރުމަށް ދެކޮޅު ހެދުމުން އެކަންކަމަށް އިންކާރު ކުރި އާއިލާއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު، އެ ކުއްޖާގެ މައިންބަފައިން އަތުން ނަގާ އޭނާގެ ބޮޑުދައިތައާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ އެހެން ގެ އެއްގެ މީހުން ފުލުހުންގެ މަރުޒަކަށް ހާޒިރުކޮށް، އެމީހުންނަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ނަސޭހަތް ދިނުމުން އެ ގޭގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެކުދިންގެ ބެލެނިވެރިން އެއްބަސްވެފައިވާ ކަމަށެވެ.
އެ ގޮތުން އެ ދެމަފިރިންގެ ތިން ކުދިންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާ، ދެ އަހަރުގެ ފިރިހެން ކުއްޖަކާ، އެއް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސިފައިންނާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު އެ ރަށުން ވަނީ ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ.