ރ. މަޑުއްވަރި

މަޑުއްވަރީ އޮޕަރޭޝަން: މިއަދުވެސް ދެ ގެއެއް ބަލާ ފާސްކުރަނީ

ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާ މިއަދުވެސް ދެ ގެއެއް ބަލާ ފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މަޑުއްވަރީ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ މިއަދުވެސް އިތުރު ދެ ގެއެއް ބަލާ ފާސްކުރަމުންދާ ކަމަށެވެ.

"މީގެ އިތުުރުން މި ތަހުގީގު ފެށިފައިވާތީ، ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ވާހަކަ ދަންނަވަން."

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހަތް ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށްފައިވާ ކަމަށާ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެ ރަށުގައި ކުރިއަށްދާ އޮޕަރޭޝަންގައި ފުލުހުން ގެންދަނީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތަކަށް ވަދެ އެ ތަންތަން ބަލައި ފާސްކުރަމުންނެވެ.