ހަބަރު

އިންކަމް ޓެކްސް ނެގުމުގެ ގަވައިދަށް ހިޔާލު ހޯދަނީ

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފާ ޕްރައިޒިން ގަވާއިދުގެ ދެލިކޮޕީ އެކުލަވާލުމަށްފަހު އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލަފައިފި އެވެ.

މީރާ އިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފާ ޕްރައިޒިން ގަވާއިދުގެ ދެލިކޮޕީ އެކުލަވާލުމަށް، ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި، ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށްވެސް މީރާއިން ބުނެ އެވެ.

މިއީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތައް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލިކޮޕީތައް ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ގާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ގަވާއިދުތައް އެކުލަވާލުމަށްފަހު އެ ގަވާއިދުތައްވެސް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާނެކަމަށް މީރާއިން ބުނެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަ ޕްރައިޒިން ގަވާއިދުގެ ދެލިކޮޕީ މީރާއިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ހާމަކޮށްފަ އެވެ.