ދުނިޔެ

ސެނެޓުގެ ޝަރީއަތް އަވަހަށް ފަށަން ބޭނުން: ޓްރަމްޕު

Dec 21, 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިމްޕީޗުކުރުމަށްފަހު އިމްޕީޗްމެންޓް ޝަރީއަތް ހިންގަން ސެނެޓަށް މައްސަލަ ފޮނުވުމުގައި ކޮންގްރެސްއިން ލަސްކުރަމުންދާތީ، ޝަރީއަތް އަވަސް ކޮށްދިނުމަށް ޓްރްމްޕު އެދިވަޑައިގެންފި އެވެ.

އިދިކޮޅުން ޓްރަމްޕު އިމްޕީޗްކޮށްފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި ކަމަށް ބުނެ އެވެ. ނަމަވެސް ޓްރަމްޕު ވަނީ މިކަން ދޮގު ކޮށްފަ އެވެ.

އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދިވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

ދެ މައްސަލައެއްގައި މިހާރު ޓްރަމްޕު ވަނީ އިމްޗީޗްކޮށްފަ އެވެ. ނަމަވެސް ރައީސްކަމުގެ މަގާމުން ޓްރަމްޕް ދުރުކުރުމާ މެދު ގޮތެއް ނިންމާނީ ސެނެޓަށް އެ މައްސަލަ ފޮނުވުމުން ހިންގާ ޝަރީއަތުގައި، ތިންބައި ކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. މިހާރު މަސްރަހު އޮތްގޮތުން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޓްރަމްޕު މަގާމުން ދުރުކުރުން ގާތެވެ.

އެކަމަކު ޓްރަމްޕާ އެއްކޮޅު ސިޔާސީ މާހިރުން ދެކޭ ގޮތުގައި ސެނެޓުގެ އިމްޕީޗްމަންޓް ޝަރީއަތުން ޓްރަމްޕް ސަލާމަތް ވެވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވާ ގޮތުގައި ސެނެޓްގައި ހިނގާ ޝަރީއަތަށް އިތުރު ހެކިން ހާޒިރުކުރުމުން، މައްސަލައަށް ލިބޭ އިތުބާރު ކުރިއަށް ވުރެ ވެސް ވާނީ ބޮޑެވެ. އެހެންކަމުން ރިޕަބްލިކަން ޕާޓީން އެކަމާ ދެކޮޅު ހަދަނީ ރަނގަޅު ސަބަބެއް އޮވެގެން ނޫން ކަމަށާއި އެއީ އިންސާފުވެރިކޮށް މައްސަލަ ކުރިއަށް ނުގެންދަން ކުރާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.