ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް، މިހާރު ހިންގާ ގޮތަށް ހިންގުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގައި ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލް މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން ދަނީ ފިނިޝިންގެ ގޮތުގައި އިމާރާތުގެ އެތެރޭގައި ކުރަން ޖެހޭ ބައެއް މަސައްކަތް ތަކެވެ. އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު މި ޓާމިނަލް އިން ރާއްޖޭގެ ހަތަރު ސީޕްލޭން ކުންފުންޏަށްވެސް ޖާގަ ލިބޭނެ ކަމަށާ، މިހާރު މަސައްކަތްދާ ގޮތަށް ދާނަމަ މެއި މަހު ހުޅުވޭ ވަރުވާނެ ކަމަށެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސީޕްލެއިން ޓާމިލް ކުރިން ހިންގި ގޮތަށް ހިންގާނަމަ އެއީ ވަކި ބަޔަކަށް ފައިދާ ހޯދާދިނުމުގެ އަމަލެއް ކަމަށެވެ.
"މުޅި ގައުމުގެ ފޯކަސް ވަކި ކަމަކަށް ހުއްޓިފައިވާ ވަގުތެއްގައި، ސީޕްލޭން ޓާމިނަލްގެ މައްސަލަ މަޖިލީހުން ބަލަމުންދާ ދަނޑިވަޅެއްގައި އަދި މަޖިލީސް ޗުއްޓީގައި އޮއްވާ، އޭޖީގެ ލަފަޔާ ހިލާފަށް ސީޕްލޭން ޓާމިން ވަކި ބަޔަކަށް ފައިދާވާނެހެން ދޫކޮށްލުމަކީ ކޮރަޕްޝަންއެއް." ޔައުގޫބް ވިދާޅުވިއެވެ.
ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުންދަނީ ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނިތައް ގުޅިގެންނެވެ. ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ ސީޕްލޭން ޓާމިނަލް ހިންގާނީ އެ ކުންފުނިން ކަމަށެވެ.
"އެކަމަކު ފައްޓާ ގޮތަށް އަޅުގަނޑުމެންނަށް ހަވާލު ވެވޭކަށް ނެތް. ކޮންޓްރެކްޓެއް ހިނގާ ގޮތަށް އެބަ ހިނގާ. އަނެއްކާ މިއީ ސީޒަންގެ މެދުތެރެ. އަނެއްކާވެސް އަންނާނީ ސީޒަނެއް. އެހެންވެ، ވީހާ ވެސް ސްމޫތުކޮށް، މި ބަދަލު ގެންނަން މި މަސައްކަތް ކުރަނީ. ރާއްޖޭގެ ސީޕްލޭންގެ 70 ޕަސެންޓް މި އޮޕަރޭޓް ކުރަނީ ޓީއެމްއޭއިން. އެހެންވީމި މި ތަނަށް ހިދުމަތް ބަދަލު ކުރަންވާނީ އެ ފަރާތަށްވެސް ހުއްޓުމެއް ނާންނާނެ ގޮތަށް،" ސޯލިހު ވިދާޅުވި އެވެ.
އާ ޓާމިނަލް ހަދަމުން ދަނީ އެއް ފަހަރާ 55 ސީޕްލޭން އަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި މިތަން ހަދާފައިވަނީ މި އަދަދު 100 އަށް އިތުރު ކުރެވޭނެ ގޮތް ބަލައިގެންނެވެ.
އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ކުންފުނި ތަކަށް ޖާގަ ދޫކުރަން ފަށާނެ ކަމަށާ، އަދި ނަމަވެސް ކުންފުނިތައް ބަދަލުވެ ހަމައަކަށް އެޅެން ފަސް މަސް ވަރުވާނެ ކަމަށެވެ.
ސީޕްލޭން ޓާމިނަލް މަޝްރޫއުގެ އޮޑިޓެއްވެސް އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މި އޮޑިޓުން ދައްކާފައިވަނީ އެމްއޭސީއެލް އިން މިތަން ހިންގައިފިނަމަ ބޮޑު ތަނުން ފައިދާ ބޮޑު ވެގެންދާނެ ކަމެވެ.
އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ ކުރިން މީގެ ފައިދާ ނޭނގުނުނަމަވެސް އަމިއްލަ އަށް ހިންގުމުން ފައިދާ މާބޮޑުކަން މިހާރު އެނގިފައިވާ ކަމަށެވެ.
"މިތަން ހިންގީމަ 300 ނޫނީ 400 ޓައިމްސް ރެވެނިއު އިތުރު ވެގެންދާނެ. އެކަމަކު އެއަކީ މިތަނަށް ކުރި ހަރަދު ޓަސްލާފަ ދެކޮޅު ޖެހުމެއްވެސް ނޫން. ހަރަދުގެ އަންދާޒާތައް ހުންނާނީ އެންމެ ކުޑަކޮށް ދިޔަނަމަވެސް ކަވަރު ވާނެ ގޮތަށް. ފީޒިބިލިޓީ އިން ދައްކަނީ އަށެއް ނޫނީ ނުވަ އަހަރު ކަވަރުވާނެ ކަމަށް. އެކަމަކު މިހާރުގެ ގްރޯތަށް ބަލާފަ އެނގޭ އެއަށް ވުރެ އަވަހަށް ރިކަވާ ވާނެކަން،" ސޯލިހު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މިއީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.