އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހައިކޯޓުން ބުނެފި އެވެ.
ހައިކޯޓުން މިހެން ބުނެފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް އިއްޔެ، މަރުގެ އިންޒާރުދީފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިކަމަކީ ޖިނާއީ ކުށަކަށްވާތީ މި އަމަލު ހިންގި ފަރާތް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން." ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހައިކޯޓްގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތަށް ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 50 އަހަރުގެ އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ހައި ކޯޓުން ރޭ ބުނީ ޝުޖާއުއަށް މަރުގެ އިންޒާރު ދީފައި ވަނީ މާފުށީގައި އެ ރަށު މެޖިސްޓްރޭޓްއަކާއެކު ކޮފީއެއް ބައްލަވަން އިންދާ ކަމަށެވެ.