ވިޔަފާރި

ބިޒްނަސް އެވޯޑް: ސީބީއެމްއަށް މާލީ ދާއިރާގެ މުހިންމު އެވޯޑެއް

Dec 22, 2019

މޯލްޑިވްސް ބިޒްނަސް އެވޯޑު (އެމްބީއެސް) ގެ އެކްސެލެންސް އިން ފައިނޭންސް އެވޯޑު، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ހުޅުވި އެއް ބޭންކް ކަމަށްވާ ސީބީއެމް އަށް މި އެވޯޑު ހަވާލުކޮށްދެއްވީ ބްލޭޒަން އިންކް ކުންފުނިން އިންތިޒާމުކޮށްގެން، ކްރޮސް ރޯޑް މޯލްޑިވްސްގައި ރޭ ބޭއްވި މި ކުލަ ގަދަ ހަފުލާއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު އަހުމަދު މުޣުނީ އެވެ. އަދި މި އެވޯޑާ ސީބީއެމްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ދިލަން ރާޖަޕަކްސް އެވެ.

ސީބީއެމް އަށް މި އެވޯޑު ލިބިފައިވަނީ އެ ބޭންކް އިން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފައިނޭންޝަލް ސެކްޓާ އަށް ކޮށްދީފައިވާ ހިދުމަތްތައް ބެލުމަށްފަހު އެވެ. އެ ބޭންކް އަށް ލިބިފައިވަނީ "އެކްސެލެންސީ އިން ފައިނޭންސް- ބޭންކިން އެންޑް ފައިނޭންސް" ކެޓަގަރީގެ އެވޯޑެވެ. ސީބީއެމް އަށް މި އެވޯޑު ލިބިފައިވަނީ ރާއްޖޭގެ އެހެން ބޭންކްތަކާ ވާދަކޮށްގެންނެވެ.

ސީބީއެމްއަކީ ހުޅުމާލޭގައި ހޮސްޕިޓަލެއް ހިންގާ، ޓްރީ ޓޮޕް ކުންފުނީގެ 45 ޕަސެންޓް ހިއްސާ އާއި ސްރީލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކް ކަމަށްވާ ކޮމާޝަލް ބޭންކުގެ 55 ޕަސެންޓް ހިއްސާއެކު އުފައްދާފައިވާ ވަރުގަދަ ބޭންކް އެކެވެ. އެ ބޭންކް 2016 ވަނަ އަހަރު އުފެއްދިފަހުން މާލީ ދާއިރާއަށް ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްދީފައިވެ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.

އެމްބީއެސް އެވޯގައި ވިޔަފާރިއާ ގުޅުންހުރި ގިނަ ދާއިރާތަކުން މި އަހަރުވެސް އެވޯޑު ދީފައިވެ އެވެ. މި އަހަރުގެ އެވޯޑު ވެސް "އިންޑަސްޓްރީ އެކްސެލެންސް" ގެ ބަޔާއި "އެންޓެޕްރައިސް އެކްސެލެންސް" އަދި "އިންޑިވިޖުއަލް އެކްސެލެންސް" އާއި "ޕީޕަލްސް ޗޮއިސް" އެވޯޑުގެ އިތުރުން "ޖަޖް ޗޮއިސް" ގެ އިތުރުން މި އެވޯޑުގެ އެންމެ ޝަރަފުވެރި ވަނަ ކަމަށްވާ "ބިޒްނަސް އޮފް ދި އިޔާ" އެވޯޑު ހިމެނެ އެވެ.