ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލްގެ ސުވާލެއް، އެމްޑީޕީއަށް!

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުން އެމްޑީޕީން ދިފާއުކުރީ ކީއްވެތޯ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.

ޖަމީލްގެ މި ސުވާލް، އެމްޑީޕީއަށް ކުރިމަތިކުރެއްވީ ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިޔަ މައްސަލައާއި ގުޅިގެން އެކަން ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން ވަނީ މަސައްކަތްކޮށްފައެވެ. އަދި ވަކިން ޖަމާއަތް ހަދައިގެން ރާއްޖޭގައި އާންމުކޮށް ހުކުރުކުރާ ވަގުތަށްވުރެ ކުރިން އެ މިސްކިތުގައި ހުކުރު ކުރާތީ އިމާމު މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭރު ދަރުމަވަންތަ މިސްކިތުގައި ކިޔަމުންދަނީވެސް ސަރުކާރުން ފާސްކުރާ ހުތުބާއެއް ނޫނެވެ.

އެކަމާއި ގުޅިގެން އޭރު އެމްޑީޕީގެ އިސްވެރިން ވަނީ ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މީހުން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަންވެސް ގޮވާލިއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުން އެމްޑީޕީން ދިފާއުކުރީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި އޭރު އެއީ ހަރުކަށި އަމަލަކަށް ނުވަނީތޯވެސް ސުވާލު ކުރެއްވިއެވެ.

އަދި ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު، ދައްކާނެ ތަރައްގީއެއް ނެތުމުން މިފަހަރު އޮތް އެޖެންޑާއަކި ހަރުކަށި ފިކުރުގެ އެޖެންޑާތޯވެސް ޖަމީލް ސުވާލު ކުރެއްވިއެވެ.

މީގެ ކުރިން 2014 ގައި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުން އެމްޑީޕީން ދިފާއުކުރީ ކީއްވެ؟ އެއީ ހަރުކަށި އަމަލަކަށް ނުވަނީތޯ؟ ކަައުންސިލް އިންތިހާބަށް މިފަހަރު އޮތް އެޖެންޑާއަކީ މިއީތޯ؟ ދައްކާނެ ތަރައްގީގެ ކަމެއް ނެތުމުން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ނުވަ ގެއަކާ ދޯންޏެއް ބަލާ ފާސްކޮށްފައިވާ ކަމަށާ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.