ދުނިޔެ

ޖަޕާނު އަންހެނަކު އިންޑިއާގައި މަސް ދުވަސް ވަންދެން އެކި ފަހަރުމަތިން ރޭޕްކޮށްފި

އިންޑިއާގައި ޖަޕާނުގެ ޒުވާން އަންހެން ޓޫރިސްޓަކު ކިޑްނެޕްކޮށް މަސް ދުވަސް ވަންދެން އެކި ފަހަރު އެތައް ބަޔަކު ވެގެން ރޭޕްކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ދަރިވަރު ރޭޕްކުރި ކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ވަނީ ފަސް ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ކަލްކަތާގެ ފުލުހުން ބުނީ ރޭޕްކުރުމުގެ އަމަލު އެންމެ ފުރަތަމަ ހިންގާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން މަސް ދުވަސް ތެރޭ އަންހެން ކުއްޖާ ދެ ތަނަކަށް ގެންގޮސް އެކި ފަހަރުމަތިން ގޭންގް ރޭޕްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުށުގެ އަމަލުތައް ހިންގާ ގޭންގުތަކުން، އެކަނި އުޅޭ އަންހެނުން ޝިކާރައަކަށް ހަދަން ކުރާ މަސައްކަތް މިހާރު އިތުރުވެފައިވާ ކަމަށެވެ.

ކަލްކަތާގެ ފުލުހުންގެ ވެރިޔާ ޕަލާވް ކަންޓީއާ ހަވާލާދީ ބީބީސީ ހިންދީގައި ބުނެފައި ވަނީ އަންހެން މީހާ އަށް އެހީވުމަށް އައި ދެ ޓޫރިސްޓު ގައިޑުން ކަމަށް ހެދިގެން އެ މީހާ ގޮވައިގެން ގޮސް ހޮޓަލަށް ވައްދާފައި ވަނީ ދެބެއިން ވެގެން ކަމަށެވެ.

"އޭގެ ތެރެއިން އެކަކީ ޖަޕާނު ބަހުން ވަރަށް ފަރިތަކަމާ އެކު ވާހަކަ ދައްކާ މީހެއް،" ފުލުހުންގެ ވެރިޔާ ވިދާޅުވެފައިވެ އެވެ.

އަންހެން މީހާ އަށް އިންޑިއާގެ މަޝްހޫރު ތަންތަން ދައްކާލަން ކަމަށް ބުނެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ވެސްޓް ބެންގަލްގެ އައްސޭރި ފަށުގެ ސަރަހައްދަކަށް ގެންގޮސް އަންހެން މީހާ އަށް ޖިންސީ ގޯނާކޮށް، އެ މީހާ އަށް ބިރު ދައްކައި އޭޓީއެމް އިން 1200 ޕައުންޑް ވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ފަހުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެހެން ތަނަކަށް ގެންގޮސް ގޭންގުގެ އެހެން ބަޔަކާ ހަވާލުކުރީ ކަމަށާއި ޖިންސީ އަނިޔާތައް ލިބެމުން ދިއުމަށް ފަހު ސަލާމަތްވެގެން ޖަޕާނު ކޮންސިއުލޭޓަށް ރިޕޯޓް ކުރީ ކަމަށް ފުލުހުން ބުންޏެވެ.

ރޭޕްގެ މައްސަލަތައް ގިނަ އިންޑިއާގައި މީގެ އެއް އަހަރު ކުރިން އަންހެން ދަރިވަރަކު ރޭޕްކޮށް ވަރަށް އަނިޔާވެރިކޮށް މަރާލި ހާދިސާ އަށް ފަހު ރޭޕްގެ މައްސަލަތައް ރިޕޯޓްކުރުން ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އިންޑިއާގައި މީގެ ކުރިން ވެސް ޓޫރިސްޓުން ރޭޕްކުރުމުގެ އަމަލުތައް ހިންގާފައިވެ އެވެ. --ބީބީސީ