މާޒިޔާގެ ޑިފެންސް ވަރުގަދަ ކުރަން، އަފްޣާނިސްތާންގެ ގައުމީ ޓީމުގެ ޑިފެންޑަރު ޝަރީފް މުހައްމަދު ޓީމަށް ގެނެސްފި އެވެ.
ސީޒަންގެ މެދަކާ ހަމައަށް ޖެހިފައިވާއިރު، މާޒިޔާގެ ކޯޗު މަރުޔާން ސެކްލޮވްސްކީ ކުރިންވެސް ބުނެފައި ވަނީ، މާޒިޔާއަށް އިތުރު ބިދޭސީ ކުޅުންތެރިޔެއް ގެންނާނީ ސީޒަންގެ ފުރަތަމަ ބައިގައި ޓީމުގެ ކުޅުމަށް ބަލައި ރަނގަޅު ކުރަން ޖެހޭ ޑިޕާޓްމެންޓަކީ ކޮބައިކަން ދެނެގަތުމަށް ފަހުގައި ކަމަށެވެ.
އަފްޣާނިސްތާންގެ ދަރިކޮޅަށް ނިސްބަތްވި ނަމަވެސް ޝަރީފް އުފަންވީ ރަޝިއާ އަށެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ފަށައި މިހާތަނަށް އެންމެ ގިނަ ދުވަސް ހޭދަ ކުރީވެސް ރަޝިއާގެ އެކި ޑިވިޝަންތަކުގަ އެވެ.
މާޒިޔާއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ސައިޕްރަސްގެ ދެ ވަނަ ޑިވިޝަންގައިވެސް ކުޅެފަ އެވެ. އަދި އޭގެ ކުރިން ސްވިޑެންގެ ދަށް ޑިވިޝަންގައިވެސް ކުޅުނެވެ. އަފްޣާނިސްތާންގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގެ ކުރީގެ ކޯޗް ޕީޓާ ޝެގަޓް އަފްޣާނިސްތާންގެ ގައުމީ ޓީމަށް ކޯޗް ކޮށްދިން އިރު އެވެ.
ޝަރީފް އަކީ، މާޒިޔާއަށް ކުޅޭ އަފްޣާނިސްތާންގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާގެ ކީޕަރު އޮވީސް އަޒީޒީ އަކީ އަފްޣާންގެ ގައުމީ ޓީމުގެ ގޯލް ކީޕަރެވެ.
ޝަރީފް މުހައްމަދު މާޒިޔާއަށް ގުޅުމާއެކު އެ ޓީމުގައި ބިދޭސީ ތިން ކުޅުންތެރިން ތިބޭނެ އެވެ. އެއީ އޭނާ އާއި އަޒީޒީގެ އިތުރުން ކެރީބިއަން ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ސެއިންޓް ވިންސެންޓަށް ނިސްބަތްވާ ކޯނޭލިއަސް ސްޓުވާޓް (ކޯނޭ) އެވެ.
މާޒިޔާ ޓީމު އިތުރަށް ވަރުގަދަ ކުރަމުން ދަނީ، އަންނަ އަހަރުގެ އޭއެފްސީ ކަޕަށެވެ. އޭއެފްސީ ކަޕްގެ ދަތުރު މާޒިޔާ ފަށަން ޖެހޭނީ ޕްރިލިމިނަރީގެ ދެ ވަނަ ބުރުންނެވެ. އެ ބުރުގައި މާޒިޔާއިން ނުކުންނާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. މާޒިޔާއިން ވަނީ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި ޑާކާ އަބާހަނީ ބަލި ކޮށްފަ އެވެ.
ކޮންމެ ޓީމަކަށްވެސް ބިދޭސީ ހަތަރު ކުޅުންތެރިން ގެނައުމުގެ ހުއްދަ އެފްއޭއެމުން ދީފައި އޮވެއެވެ. ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިޔަކަށެވެ.