ހޮޓެލް ބުކިން އަށް ދިމާވި މައްސަލައެއްގައި ހާލުގައި ޖެހުނު ހަންގޭރިއަންގެ އާއިލާއަށް ދިވެހި ފުލުހުން އެހީތެރިވެ ނަމޫނާ ދައްކައިފި އެވެ.
ފުލުހުން ބުނީ މި އާޢިލާ ރާއްޖެ އައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި އާއިލާ ރާއްޖެ އައުމުގެ ކުރިން ހޮޓެލް ބުކިން ހަދާފައިވަނީ އޭޖެންޓެއް މެދުވެރިކޮށް މިއަހަރުގެ ޖެނުއަރީ މަހުގައި ކަމަށް އެމީހުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
މި އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެމީހުން ބުކިން ހެދި ހޮޓެލްއަށް ފައިސާ ނުދައްކާ ހުރި ކަމަށް އޭޖެންޓު އެމީހުންނަށް އަންގާފައިވަނީ މިއަދު ރާއްޖެ އައުމުން ކަމަށެވެ. ނަމަވެސް އޭޖެންޓް މެދުވެރިކޮށް ޖެނުއަރީ މަސްތެރޭގައި ފައިސާ ދެއްކި ކަމަށާއި ބުކިން ކޮންފަމޭޝަން އީމެއިލްވެސް ލިބިފައިވާ ކަމަށް އެމީހުން ބުނި ކަމަށް ފުލުހުން ބުންޏެވެ.
ފުލުުުހުން ބުނީ އެމީހުން ހާލުގައި ޖެހުމުން އެއާޕޯޓުގައި އެވަގުތު ތިބި ޓުއަރިސްޓް ފުލުހުންނަށް އެމައްސަލަ ހުށަހެޅި ކަމަށާއި ކަންވީގޮތް އޮޅުން ފިލުވައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި އެމައްސަލަ ހިއްސާކުރުމަށް ފުލުހުން ވަގުތުން މަސައްކަތް ފެށި ކަމަށެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި އެވާހަކަތައް ހިއްސާކުރުމަށްފަހު އެ މިނިސްޓްރީގެ އެހީތެރި ކަމާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފުލުހުން ގުޅިގެން އެ އާއިލާއަށް މާޅެ އަތޮޅު ރިސޯޓަކުން އެކޮމޮޑޭޝަން މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދީ އޭޖެންޓުން މިކަމަށް ހާއްސަ ސަމާލުކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.