ރ. މަޑުއްވަރި

މަޑުއްވަރީ އޮޕަރޭޝަން: 20 ކުއްޖެއްގެ ހާލަތު ބަލައިިފި

ރ މަޑުއްވަރީގައި ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 20 ކުއްޖެއްގެ ހާލަތު ބަލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ އޮޕަރޭޝަންގައި ޖެންޑާ މިނިސްޓްރީގެ ދައުރު ސާފުކޮށްދީ ނެރެނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ "އައްސޭރި" އޮޕަރޭޝަންގައި އެ މިނިސްޓްރީގެ ދައުރަކީ ގާނޫނު އަސާސީއާއި އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތުގައި ތިބި ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކުންނާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހުރޫމްކޮށްފައިވޭތޯ ބެލައި އެފަދަ ކުދިންނާއި އަންހެނުން ރައްކާތެރިކަމާ ގުޅޭގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އެގޮތުން މިހާތަނަށް ނުވަ ގޭބީސީއެއްގެ 20 ކުއްޖެއްގެ ހާލަތު ބަލައި، ކުދިންގެ އާއިލާ މަޝްވަރާކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް ހަތަރު ކުއްޖަކަށް ޅަ ފަތުގައި ދޭންޖެހޭ ވެކްސިން ދީފައިނުވާތީ މައިންބަފައިގެން ރުހުމާއެކު ވެކްސިން ދީ، އެހެން ކުއްޖަކަށް ރައްކާތެެރިކަމުގެ މާހައުލެއް މައިންބަފައިން ކައިރި ނެތް ކަމަށް ފެންނާނީ އާއިލާގެ އެހެން ބަޔަކާ އެ ކުއްޖާ ބެލުން ހަވާލުކޮށްފައިވާ ކަމަށެވެ.

ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ނުވަ ގެއަކާ ދޯންޏެއް ބަލާ ފާސްކޮށްފައިވާ ކަމަށާ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުންޏެވެ.