ހަބަރު

އެއްވެސް ބަޔަކަށް ކުޑަކުދިންގެ ހައްގެއް ނިގުޅައިނުގަނެވޭނެ: ޖެންޑާ

މައިންބަފައިންނާއި އާއިލާގެ އިހުމާލުން ވިޔަސް ކުޑަކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފުރުސަތު ނުދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ރ. މަޑުއްވަރީގައި ކުރިއަށްގެންދާ "އައްސޭރީ" އޮޕަރޭޝަނާއި ގުޅޭ ގޮތުން ޖެންޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ އެ ކުދިންނަށް ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުދިންނާ މެދު އަމަލުކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މައިބައިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ މިނިސްޓްރީން ބަލަމުންގެންދާނެ ކަމަށް ޖެންޑާއިން ބުންޏެވެ.

އެ އޮޕަރޭޝަންގައި ޖެންޑާ މިނިސްޓްރީގެ ދައުރަކީ އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކުންނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހުރޫމުކޮށްފައިވޭތޯ ބެލުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން މިހާތަނަށް ނުވަ ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލައި، ކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ. އަދި ހަތަރު ކުއްޖަކަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން އާއިލާގެ އެއްބާރުލުމާއެކު ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރ މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް ނުވަ ގެއަކާ ދޯންޏެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހެއް ވެސް ހައްޔަރު ކުރި އެވެ. އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.