އަތް އައްސިވުމަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އަތް އައްސިވާ ކޮންމެ ފަހަރަކީ ކޮންމެެވެސް ސިއްހީ މައްސަލައެއްގެ ސަބަބުން ވާ ކަމަކަށް ނުވެދާނެ އެވެ. އެހެނީ މާ ގިނަ އިރު އެއް ގޮތަކަށް އަތް ބަހައްޓައިގެން ހުރުމުގެ ސަބަބުން އަތުގެ ނާރެއް ފިތި، އަތް އައްސިވުމަށް މެދުވެރި ވެދާނެ އެވެ.
ނަމަވެސް އަބަދު އަތް އައްސިވެ ތަދުވުމަކީ ކޮންމެވެސް ބައްޔެއްގެ އަލާމާތަކަށްވުން އެކަށޭނަ އެވެ. އެގޮތުން މި ލިޔުމުގައި އަތް އައްސިވެ ތަދުވުމަށް މެދުވެރި ކުރުވާ ގިނަ ސަަބަބުތަކުގެ ތެރެއިން އެންމެ އާންމު އެއް ސިއްހީ މައްސަލައެއް ކަމަށްވާ ކާޕަލް ޓަނެލް ސިންޑްރޯމް ނުވަތަ ސީޓީއެއްސް އަށް ބަލައިލާނަމެވެ.
ކާޕަލް ޓަނަލް ސިންޑްރޯމް އަކީ އަތުގެ މައި ނާރެއް ކަމަށްވާ މީޑިއަން ނާވް އަތުގެ ކުޑަ ހުޅު ސަރަހައްދުގައި ފިތުމުގެ ސަބަބުން ދިމާވާ އަލާމާތްތަކަށް ދެވިފައިވާ ނަމެކެވެ. ހަގީގަތުގައި މިއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ މައްސަލައެކެވެ. ނަމަވެސް މި މައްސަލަ ދިމާވުމުގެ ފުރުސަތުތައް ބޮޑު ބައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައެއް މީހުންވެސް ވެއެވެ.
ސީޓީއެސް ޖެހުމުގެ ފުރުސަތު ބޮޑު މީހުން
- އަތުގެ ކުޑަ ހުޅަށް އަނިޔާއެއް ވެފަ ހުރުން
- އަންހެނަކަށް ވުން
- ނާރުތަކަށް އަސަރު ކުރުވަނިވި ބައްޔެއް ހުުރުން (މިސާލަކަށް ހަކުރު ބަލި)
- ރުމަޓޮއިޑް އާތްރައިޓިސް ނުވަތަ ރާއްޖެ ބަލި ހުރުން
- ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން / އޮބިސިޓީ
- ބަލިވެއިނުން (މިއީ މާބަނޑު ދުވަސްވަރުވެސް ދިމާ ވެދާނެ މައްސަލައެކެވެ. އެފަދަ ހާލަތްތަކުގައި ވިހެއުމަށް ފަހު އަމިއްލަޔަށް ސީޓީއެއްސް ގެ އަލާމާތްތައް އާންމުކޮށް ފަސޭހަ ވެއެވެ.)
- ގިނަ ގިނައިން އެއް ހަރަކާތެއް އަތުން ކުރާ ފަރާތްތައް
މި މައްސަލަ ދިމާވާ ފަރާތްތަކަށް ދޭން ޖެހޭ އެންމެ އެދެވޭ ފަރުވާ ނުދެވިއްޖެ ނަމަ ސީޓީއެސްގެ ސަބަބުން ދިމާވާ އުނދަގޫތައް ދުވަހުން ދުވަހަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ. ވީމާ ކުރީބައިގައި ބަލީގެ އަލާމާތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސީޓީއެސްގެ އަލާމާތްތައް
ސީޓީއެސް ގައި އަތް އައްސިވުން ދިމާވާނީ އަތާއި އިނގިލިތަކުގައި (ކުޑަވާ އިނގިލި ނޫން އިނގިލިތައް) އެވެ.
ބައެއް ހާލަތްތަކުގައި އައްސިވުން ނުވަތަ ރިހުން ކުޑަ ހުޅުން މައްޗަށް އަތުގެ ބޮޑު ބަޔެއްގައިވެސް އިހުސާސް ކުރެވިދާނެ އެވެ. އާންމުކޮށް މި އުނދަގޫތައް މެދުވެރިވަނީ ފޯނު ނުވަތަ ކޮންމެވެސް އެއްޗެއް ހިފަހައްޓައިގެން ހުންނަ އިރު ކަމަށް ވެއެވެ. އަދި ބައެއް ހާލަތްތަކުގައި އަތް އައްސިވެގެން ނުވަތަ ރިހުމަކާއެކެ ނިދިން ހޭލެވެންވެސް މެދުވެރި ވެދާނެ އެވެ.
ސީޓީއެސްގައި އަތުގައި ވަރުނެތޭހެން ހީވެ އެއްޗިހި އަތުން ވެއްޓުމަށްވެސް މެދުވެރި ވެދާނެ އެވެ. މިއީ އަތް ނުވަތަ ހާއްސަކޮށް އެއްޗިހި ހިފުމަށް އެހީވެދޭ މަސްލްސްތައް އައްސިވުމުގެ ސަބަބުން މެދުވެރިވާ މައްސަލައެކެވެ.
ސީޓީއެސްގެ ފަރުވާ
މި އުނދަގޫތައް ދިމާވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ. ސީޓީއެސް އަށް ދެވޭ ފަރުވާތައް ބައިވަރު ހުރެ އެވެ. އެގޮތުން ބަލީގެ ކުޑަ ބޮޑު މިން މެލުމައްޓާކާ އެކްސްރޭ، އިލެކްޓްރޯމަޔޯގްރާމް ނުވަތަ ނާވް ކޮންޑަކްޝަން ސްޓަޑީއެއް ފަދަ ޓެސްޓެއް ހެދުމަށް ޑޮކްޓަރު ލަފާދީފާނެ އެވެ.
އަދި އެއަށް ފަހު ފަރުވާގެ ގޮތުގައި އަތުގެ ކުޑަ ހުޅުގައި އަޅާނެ ރިސްޓް ސްޕލިންޓްއެއް ދީފާނެ އެވެ. މީގެ ބޭނުމަކީ އަތުގެ ހަރަކާތްތައް މަދުކޮށް ނާރު ފިތުން ކުޑަ ކުރުމެވެ. މިއީ ރޭނގަޑު އަތް އައްސިވެގެން ނިދިން ހޭލެވުން، ހާއްސަކޮށް މާބަނޑު އިރު މި މައްސަލަ ދިމާވާ ނަމަ ދެވޭ ފަރުވާ އެކެވެ.
ބައެއް ހާލަތްތަކުގައި ތަދު ކެނޑުވުމަށްވެސް ބޭހެއް ދީފާނެ އެެވެ. އަދި ސީޓީއެސް އަކީ އެހެން ބައްޔެއްގެ ސަބަބުން ދިމާވާ ކަމެއް ނަމަ އެ ބައްޔަކަށް ފަރުވާ ކުރުން މުހިންމު ވާނެ އެވެ.
އަދި މީގެ އިތުރުންވެސް އަބަދު އެއް ގޮތަކަށް އަތް ނުބެހެއްޓުމާއި އަތަށް ރެސްޓް ދިނުން ފަދަ ކަންތަކަށް ފަހުވެސް ސީޓީއެއްސްގެ އަލާމާތްތަކާއި އުނދަގޫތައް ކުޑަ ނުވާނަމަ އޮޕަރޭޝަން އެއް ކޮށްގެން ނާރު ފިތުން ރަގަޅު ކުރެވިދާނެއެވެ. މިއީ ސީޓީއެސް އަށް އެންމެ އާންމުކޮށް މިއަދު ދެވޭ ފަރުވާ އެވެ.