ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ދަތުރުފުޅުއްގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ދެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެފި އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭސީސީން ބަލަން ފަށާފައިވާ ރައީސްގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ކުރެއްވި ދަތުރުފުޅުތަކެއްގައި ދައުލަތުގެ ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެވެ.
މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވުމާ ގުޅިގެން އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނެފައި ވަނީ ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް ރަސްމީ ލޯންޗު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން ބޭނުންވެގެން ކަމަށެވެ. އަދި އެއިން ކޮންމެ ދަތުރުފުޅެއްގެ ހަރަދުތައް ކުރީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސްގެ މައްސަލައިގެ އިތުރަށް އޭސީސީން ދެން ބަލަމުން ދަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޔުނައިޓެެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ އިންޓީރިއާއަށް ވަޑައިގެން އެ ތަނުގެ އިންޓީރިއާ މިނިސްޓަރާ ކުރެއްވި ބައްދަލުވުމުގައި އޭނާގެ ދަރިކަލުން ބައިވެރި ކުރި ކަމަށް ބުނާ މައްސަލަ އެވެ.
މިނިސްޓަރު މާރިޔާގެ ދަތުރަކީ އަމިއްލަފުޅު ހައިސިއްޔަތުން ކުރެއްވި ދަތުރެއް ކަމަށާއި އެ ދަތުރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވީ ވެސް އަމިއްލަފުޅު ހައިސިއްޔަތުން ކަމަށް އެކަމަނާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މި ދެ މައްސަލަ ވެސް މިދިޔަ މަހުގެ ތެރޭގައި އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުންގެ ގަނޫނީ ވަކީލުންގެ ޓީމުންނެވެ. ދެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް އޭސީސީން ބުނިއިރު ބަލަމުންދާ މައްސަލައަކަސްވާތީވެ ކުރިއަށްދާ ތަހުގީގުގެ ތަފުސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.
އޭގެ އިތުރުން ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގެ ބަޖެޓުން ޓިކެޓި ނެގި ކަމަށް ބުނެ ހުށަހެޅި މައްސަލަ ވެސް އޭސީސީން ދަނީ ބަލަމުންނެވެ. ރައީސް ނަޝީދުގެ އެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ބުނެފައިވެ އެވެ.
ދެކުނު މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވަން ގއ. ވިލިނގިލިއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި، ހުވަދު އަތޮޅުގެ އެހެން ރަށްރަށާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ވެސް ނަޝީދު ވަޑައިގެންނެވި އެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ދަތުރުފުޅުތަކެކެވެ.