ހަބަރު

އެމްޕީއެލްގެ މުވައްޒަފުންނަށް ޕޯޓް ސެކިއުރިޓީ ކޯހެއް އެމްއެންޑީއެފުން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ "ސެޓިފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިން" ކޯސް މިއަދު ފަށައިފި އެވެ.

ކޯސް ފެށުމުގެ ގޮތުން ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓާގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެމްޕީއެލްގެ 30 މުވައްޒަފަކު ވަނީ ބައިވެރިވެފަ އެވެ.

މިއަދުން ފެށިގެން ތިން ހަފުތާގެ މުއްދަތައް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް އުނަގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔާ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނިކްސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވައިރަމަންޓް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމަންޓް، ފިޒިކަލް ޓްރެއިނިން އެންޑް ވޯޓާމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނިކްސް އެންޑް ޕްރޮސީޖާސް އަދި ކޯޕަރޭޓް އެންވަޔާމަންޓް ހިމެނޭނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި ކޯހުގައި މުދައްރިބުންގޮތުގައި މަސައްކަތްކުރައްވާނީ ކޯސްޓްގާޑްގެ ސިފައިން ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.