ހަބަރު

ސްކޫލްތަކަށް ނާސްތާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި

އަންނަ އަހަރު ތެރޭގައި ސްކޫލްތަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން ފަށައިފި އެވެ.

ދިރާސީ އާ އަހަރު ފަށަން ކައިރިވެރިވެފައި ވަނިކޮށް، ސަރުކާރުގެ ގެޒެޓްގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބައެއް ސްކޫލްތަކުން ވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވައި ދަރިވަރުންނަށް ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް އެދި ހުށަހަޅަން އިއުލާން ކުރަން ފަށައިފަ އެވެ.

އެ ގޮތުން މާލޭގެ އިސްކަންދަރު ސްކޫލާއި، އަމިނިއްޔާ ސްކޫލާއި އަދި އިއްޒުއްދީން ސްކޫލްގެ އިތުރުން އަތޮޅުގެ ތެރޭގެ ބައެއްް ސްކޫލްތަކުން ވެސް އަންްނަ އަހަރު އެ ސްކޫލްތަކަށް ނާސްތާ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވެ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ނިޔަލަށެވެ.

އަންނަ އަހަރަށް ބައެއް ސްކޫލްތަކަށް ނާސްތާ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު، އެ ޕްރޮގްރާމް ދެމެހެޓެއްނިވި ގޮތެއްގައި ހިންގުމަށް ރަށްރަށުގައި ނާސްތާ ދިނުމަށް ރަށްރަށުގެ ސްކޫލްތަކުގެ ތެރޭގައި މޭވާ ފަދަ ބާވަތްތައް ހެދުމާއި ނޫނީ އެ ރަށެއްގައި އުޅޭ ބަޔަކަށް ހަވާލުކޮށްގެން އެ މަސައްކަތް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ފަތްކެޔޮ އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައި ދޮންކެޔޮ ފޯރުކޮށްދޭނެ 10 ރަށެއްގެ ސްކޫލް ކަނޑައަޅައިފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން 3075 ފަތްކެޔޮގަސް ހައްދައި އަންނަ ޖެނުއަރީ މަހު ތެރޭގައި އެ 10 ރަށުގެ ސްކޫލަށް އެ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމު ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލެއްގައި އެ ޕްރޮގްރާމް ހިންގައިފަ އެވެ. އަދި މި އަހަރުގެ ދެވަނަ ޓާމު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނު ނާސްތާ ދޭން ފަށައިފަ އެވެ.