ޓެރަރިޒަމް

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނީ ކިހިނެތް؟

ހަރުކަށި ފިކުރަކީ ކޮބައިކަމާ، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން ސާފުކޮށްދީފި އެވެ.

އެންސީޓީސީން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި، ގާނޫނީ ހަމަތަކާއި، އާންމު އިޖްތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި، އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

"މިގޮތުން ހަރުކަށި ފިކުރަކީ އެ ތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫން ކަމަށް ބުނެ، އެ ގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެ ގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެ ގޮތަށް އެގޮތަށް ކުރުމުގެ ފިކުރެވެ." އެންސީޓީސީން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސެންޓަރުން ވަނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތްވެސް ބުނެދީފައެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް

  • ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ޠާޢޫތުން ކަމަށާ މުސްލިމުން ނޫން ކަމަށް ބުނެ، ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރާ މީހުން.
  • ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރާ މީހުން.
  • ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީ ބާތިލް އެއްޗެއް ކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދާކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖްތަމައު ބައިބައިކުރަން މަސައްކަތް ކުރާ މީހުން.
  • ގައުމީ ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުން.
  • ސުކޫލްތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސުކޫލަށް ހާޒިރުނުވުން.
  • މި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތު ކުރުން.
  • ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހުރޫމް ކުރުމާއި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުން.
  • އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެންނާއި، ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ، ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުން.

ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ ކަންބޮޑުވާންޖެހޭ މިންވަރަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ދާދި ފަހުން ސަރުކާރުން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ.

ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތް ފަށަންޖެހޭ ކަމަށާ އެ މަސައްކަތް މިއަދު ނުކޮށްފިނަމަ ދެން މި ގައުމު އަތުނުވާނެ ކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ގައުމީ ދިފާއީ ބާރުން ފުރުސަތު ނުދޭނެ ކަމަށާ އަދި ހަރުކަށި ފިިކުރަށް ޖާގަ ދީގެން އެ މުއައްސަސާ ނުވެސް އޮންނާނެ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ޓެރަރިޒަމާއި، ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާ ކަމަށާ ގާނޫނަށް ބަދަލު ގެނެސް، ހަރުކަށި ކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

"މިކަމަށް މިހާރު ވަރުގަދަ މަސައްކަތްތަކެއް ނުކުރެވުނިއްޔާ، މުސްތަގްބަލުގައި އަޅުގަނޑުމެންނަކަށް މި ގައުމެއް އަތެއްނުވާނެ، އެހެން ގޮތަކަށް ދަންނަވަނިއްޔާ ރާއްޖޭގައި މި އޮތް ސުލްހަ މަސަލަސްކަމާ އަމާންކަމާއި އޮމާންކަމާއި ސަލާމަތްތެރިކަން ގެއްލިގެންދާނެ ކަމާމެދު ޝައްކެއް ނެތް. އެހެންވީމަ ގައުމީ ދިފާއީ ބާރުންވެސް މި ތިބީ ދޫދޭކަށް ނޫން. މިކަން ހަމަ ވަރުގަދައަށް އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމުގައި ގައުމީ ދިފާއީބާރުންވެސް މި ތިބީ." ޝަމާލް ވިދާޅުވިއެވެ.

މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށި ވެފައި ތިބި 1400 އަށްވުރެ ގިނަ ދިވެހިން އެބައުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ތަފާތު ހިސާބުތައް އިއުލާން ކުރަމުން ސީޕީ ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އޮޕަރޭޝަނާއި އެ މީހުންގެ އަދަދު ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ސާފު ކަމަށެވެ. އެ ގޮތުން މީހުންގެ ފުރާނަ ނަގާލަން މަސައްކަތް ކުރާ ހިސާބަށް ހަރުކަށިވެފައި ތިބި ގާތްގަނޑަކަށް 1400 އެއްހާ ދިވެހިން އެބަ ތިބި ކަމަށާއި އެ ކަން ހުއްޓުވަން ކަމާ ބެހޭ މުއައްސަސާތައް ތިބީ ތައްޔާރަށް ކަމަށެވެ.

ސަރުކާރުން ދާދި ފަހުން ވަނީ ހަރުކަށި ފިކުރު ފެތުރުމުން ހުއްޓުވުމަށް ކަމަށް ބުނެ، ތިން އިލްމުވެރިއަކަށް ދަރުސް ދިނުމާއި ވައުޒު ވިދާޅުވުމަށް ދެއްވާފައިވާ ހުއްދަތައް ބާތިލްކޮށްފައެވެ.

އަދި ރ. މަޑުއްވަރީގައި ސަލާމާތީ މުއައްސަސާތަކާއި، ދައުލަތުގެ އެހެން މުއައްސަސާތައް ގުޅިގެން ވަރުގަދަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.