ހަބަރު

އަބްދުއްރަހީމް އަދި ޖައުރަފާވެސް ގުޅުމެއްނެތް: މަކްތަބާ ސަލަފިއްޔާ

ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު އަދި ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒަކީ މަކްތަބާ ސަލަފިއްޔާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށާ އެ ބޭފުޅުންގެ ދައުވަތުންވެސް އެ ޖަމާއަތް ބަރީއަވާ ކަމަށް ބުނެފި އެވެ.

މަކްތަބާ ސަލަފިއްޔާ މިހެން ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުއާއި އަދި އެ ގާނޫނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ހުއްދަ ހިފަހައްޓާފައިވާ ތިން އިލްމުވެރިންވެސް ނިސްބަތްވަނީ މަކްތަބާ ސަލަފިއްޔާއަށް ކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް ނެރެފައިވާ ބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ހިފެހެއްޓި އިލްމުވެރިންގެ ތެރެއިން މަކްތަބާ ސަލަފިއްޔާ ނިސްބަތްވަނީ ދީނީ އިލްމުވެރިޔާ ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން އެވެ.

މަކްތަބާ ސަލަފިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މުހައްމަދު ހަސަން އާއެކު ހުއްދަ ހިފެހެއްޓިފައިވާ އިތުރު ދެ ބޭފުޅުންނަކީ އެ ޖަމާއަތާ ގުޅުން އޮންނަ ބައެއްކަން ދައްކަން ބަަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެއީ އެ ޖަމާއަތާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.

"އަަދި ކިއެއް، އެ ދެ މީހުންގެ ދައުވަތުންވެސް މަކްތަބާ ސަލަފިއްޔާ އަދި މުހައްމަދު ހަސަން ބަރީއަވަން."

މަކްތަބާ ސަލަފިއްޔާއިން ބުނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމަކީ މުހައްމަދު ހަސަންގެ ދަރުސް ދިނުމުގެ ހުއްދަ ހިފަހައްޓައިގެން ބޭއްވި ބައްދަލްވުމެއް ނޫން ކަމަށާ އެއީ މީޑިއާގައި މުހައްމަދު ހަސަން އާއި ހަރުކަށި ފިކުރާ ޖިހާދީ ފިކުރާ ގުޅުވައިގެން ހުއްދަ ހިފެހެއްޓުމުގެ ކުރިންނާއި އަދި އޭގެ ފަހުންވެސް ވާހަކަ ދެކެވެމުންދާތީ އެކަމުގެ ހަގީގަތް ބަޔާން ކުރުމަށް ބޭއްވުނު ބައްދަލްވުމެއް ކަމަށެވެ. އަދި އެއީ ހުއްދަ ހިފެހެއްޓުމުގެ ކުރިންވެސް ބޭއްވުމަށް ވާހަކަ ދެކެވިފައިވާ ބައްދަލްވުމެއް ވަނީ ބުނެފައެވެ.

މަކްތަބާ ސަލަފިއްޔާއިން އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މުހައްމަދު ހަސަން ވިދާޅުވީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަޔަކު ބުނާނަމަ އެކަމުގެ ހުއްޖަތް ދައްކަން ޖެހޭނެ ކަމަށެވެ. މިހާތަނަށް ހަރުކަށި ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވިދާޅުވީ މިސްކިތްތަކުގައި މިހާތަނަށް ދީފައިވާ ދަރުސްތަކުގެ ވީޑިއޯތައް ފެންނަން ހުންނާނެ ކަމަށާ އެ ދަރުސްތަކުގައި ހަރުކަށި ފިކުރަށް ގޮވާލާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކޮށްފައިވާނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ނިސްބަތްކޮށްފައި ހަރުކަށި ފިކުރު ފަތުރާ މީހެކޭ މިގޮތަށް ބުނާ ކަމަށްވާނަމަ ގެންނާށޭ ހުއްޖަތް. ޕްރެސްގައި ބަޔާންކުރެވުނު ފަދައިން އަގީދާގެ ފޮތްތައް އަޅުގަނޑުމެން ކިޔަވަދެނީ މިސްކިތްތަކުގައި، މިނިސްޓްރީން ހުއްދަ ނަގައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ފޮތް މިހާރު ކިޔަވަދީފިން. އެ ފޮތްތަކުގެ ތެރޭގައި މި އުންމަތުގެ އަހުލުއްސުންނަވަޖަމާއަތުގެ އިމާމުގެ މި ލަގަބް ލިބިވަޑައިގެންފައިވާ އިމާމުންގެ ފޮތްތައްވާނެ ކިޔަވަދީފައި. އަޅުގަނޑުގެ ހަރުކަށި ފިކުރަނީ ކޮބައިތޯ." މުހައްމަދު ހަސަން ވިދާޅުވިއެވެ.