މާލޭ ސިޓީ ކައުންސިލް

ޝިފާއަށް ރައްދެއް: "ބަޖިޔާ ގާ" ގެއްލިގެން ނޫޅޭ

ކުރީގެ އަޑި ޕާކްގައި ސަރަހައްދުގައި ބަހައްޓާފައި ހުރި ބޮޑު "ބަޖިޔާ ގާ" މޮނިއުމަންޓް ގެއްލިގެން ނޫޅޭ ކަމަށާ އެ ގައު މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އެބައޮތް ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް، ސިޓީ ކައުންސިލް މެންބަރު މުހައްމަދު ފަޒީން ރައްދު ދެއްވައިފި އެވެ.

މާލެއާއި ހުޅުލެ ގުޅާލަދިން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ހެދުމުގެ މަސައްކަތް ފެށުމާ ހަމައަށް އަޑި ޕާކް ސަރަހައްދުގައި ހުރި "ބަޖިޔާ ގާ" މޮނިއުމަންޓަކީ މާލެ ވަށާ ޓެޓްރަޕޮޓް ބޭނުންކޮށްގެން ހަދާފައިވާ ބޭރު ތޮށީގެ ރަމްޒެކެވެ. ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ޖަހާފައިވާ ބަޖިޔާ ގާ ނުވަތަ ޓެޓްރަޕޮޓަކީ މާލޭގެ ސަލާމަތަށް އޭރު ލެވުނު މުހިންމު ތޮއްޓެކެވެ.

އެ މަޝްރޫއަށްފަހު އެ ކަމުގެ ތާރީހީ ހަނދާނެއްގެ ގޮތުގައި އަޑި ޕާކްގައި ބޮޑު "ބަޖިޔާ ގާ" ވަނީ ބަހައްޓާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖްގެ މަސައްކަތް ފެށުމަށް އެ ގައު ވަނީ އެ ތަނުން ނަގާފައެވެ. އޭގެ ފަހުން އެ ގަލަށް ވީގޮތެއް އެނގިފައެއް ނުވެއެވެ.

ޓްވިޓާގައި މީހަކު ވަނީ ބޮޑު "ބަޖިޔާ ގާ" ވީތަނެއް އެނގޭތޯ ސުވާލު ކުރައްވާފައެވެ. އަދި މިސަރުކާރުން ހަދަމުންދާ "ޖަޒީރާ ޕާކް" ގައި އެ ގައު ބެހެއްޓުން ނުވަތަ ދާރުލްއާސާރުގައި އެ ގައު ބެހެއްޓުން ކިހިނެތްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބޮޑު "ބަޖިޔާ ގާ" ހޯދާފައިވާ ކަމަށެވެ.

"ޖަޕާން ސަރުކާރުން މާލެ ވަށާ ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ދީފައިވާ މޮނިއުމަންޓް އެއްލާލައިގެން ނުވާނެ ނޫންތޯ." ޝިފާގެ ޓްވީޓްގައިވެއެވެ.

މޭޔަރުގެ އެ ވާހަކަތައް ރައްދު ދެމުން ސިޓީ ކައުންސިލް މެންބަރު މުހައްމަދު ފަޒީން ވިދާޅުވީ މޭޔަރުގެ އެ ވާހަކަތަކުން ހާމަވަނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަކަށް ވަޑައިގެން އެތަން ބައްލަވާވެސް ނުލައްވާކަން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު މިތަނަށް [ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަކަށް] އަންނައިރު ތި ގައު ފެނޭ. ގެއްލިގެން ނޫޅެއް. ޕަބްލިކް ވޯކްސް ކޮމެޓީ [ޕީޑަބްލިއުސީ] އިންވެސް އެއްޗެއް ވިދާޅުވުން ރަނގަޅު." ފަޒީންގެ ޓްވީޓްގައިވެއެވެ.

ސިޓީ ކައުންސިލްގެ މޭޔާ ސިފާ މުހައްމަދާ، އެ ކައުންސިލްގެ ބައެއް މެންބަރުންނާއި ވަރަށް ބޮޑަށް ގުޅުން ވަނީ ގޯސްވެފައެވެ. އަދި ޝިފާއާ މެދު ބައެއް މެންބަރުން ބޮޑެތި ތުހުމަތައްވެސް ކުރައްވައެވެ. އެ ތުހުމަތުތައް ޝިފާ ދޮގު ކުރައްވާފައިވެއެވެ.