ހަބަރު

މަކްތަބަ ސަލަފިއްޔާއިން ރަޖިސްޓާނުކޮށް ސްކޫލު ހިނގާ: އިސްލާމިކް މިނިސްޓްރީ

Dec 23, 2019
5

މަކްތަބަ ސަލަފިއްޔާ އިން ރަޖިސްޓާ ނުކޮށް ސްކޫލުތަކެއް ހިންގާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އާންމު ފަރާތަކުން ހުށަހަޅައިގެން އެ މިނިސްޓްރީން ބެލިބެލުމުން މަކްތަބަ ސަލަފިއްޔާ އިން ތިން ސަރަހައްދެއްގައި ސްކޫލު ހިންގަމުން އަންނަ ކަމަށެވެ. އެ ސްކޫލުތަކަކީ ރަޖިސްޓާކޮށްގެން ހިންގާ ތަންތަނެއް ނޫން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ސްކޫލުތަކަށް ނުފޮނުވާ ކުދިން އެ ސްކޫލުތަކަށް ފޮނުވާ ކަމަށް މައުލޫމާތު ލިބޭ. ސީދާ ކިހާ ކުދިންނެއް ކަމެއް ނޭނގެ އެ ސްކޫލުތަކަށް ދަނީ. އެކަމަކު އަޅުގަނޑުމެން އެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

މަކްތަބަ ސަލަފިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އެ ޖަމިއްޔާއަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އަޑު އުފުލާ ބައެއް ކަމަށެވެ. އަދި އެ ޖަމާއަތުގައި އިސްކޮށް އުޅޭ މުހައްމަދު ހަސަން ވިދާޅުވީ އޭނާގެ ދަރިން މަޖީދިއްޔާ ސްކޫލަށް ފޮނުވާ ކަމަށާއި ވެކްސިން ވެސް ދީފައިވާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ތުހުމަތު އެ ޖަމާއަތުން ކުރަނީ އެހެން އިލްމުރެވެރިންނަށެވެ.