ހަބަރު

"މަކްތަބާ ސަލަފިއްޔާއިން އެއްވެސް ސްކޫލެއް ނުހިންގާ"

މަކްތަބާ ސަލަފިއްޔާ އިން ރަޖިސްޓާ ނުކޮށް ސްކޫލުތަކެއް ހިންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އެ ފަރާތުން ބުނެފި އެވެ.

އަވަސްއާއި ވާހަކަދައްކަމުން މަކްތަބާ ސަލަފިއްޔާގެ އިސް ބޭފުޅަކު ވިދާޅުވީ މަކްތަބާ ސަލަފިއްޔާ އަކީ ޖަމާއަތެއް ނޫން ކަމަށާ އެއީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ނޫން ކަމަށެވެ. އެއީ ދީނީ ހޭލުންތެރިކަމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ ހަރަކާތެއް ކަމަށާ މަކްތަބާ ސަލަފިއްޔާ މަސައްކަތް ކުރަމުންދަނީ ސޯޝަލް މީޑިއާ އަދި އެ ހަރަކާތުގެ ވެބްސައިޓް މެދުވެރިކޮށް ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށްޓަކައި ކަމަށެވެ.

މަކްތަބާ ސަލަފިއްޔާގެ ފަރާތުން ސްކޫލެއް، މަދަރުސާއެއް އަދި ޓިއުޝަން ސެންޓަރެއްވެސް ހިންގަމުން ނުގެންދާ ކަމަށާ އިސްލާމިކް މިނިސްޓްރީގެ އެ ވާހަކަތަކުން ބަރީއަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެކުގައި މި މަސައްކަތުގައި ހަރަކާތެރިވާ ބޭފުޅުން އެ ބޭފުޅުންގެ އަަމިއްލަ ދިރިއުޅުއްވުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވާނެ. ނަމަވެސް އެއީ މަކްތަބާ ސަލަފިއްޔާއާ ގުޅުން އޮތް ކަމެއް ނޫން. އެހެންވީމަ މަކްތަބާ ސަލަފިއްޔާއިން ސުކޫލްތައް ހިންގާ ކަމަށާ އެކަން ކުރަމުންދަނީ ރަޖިސްޓްރީނުކޮށް ކަމަށް ބުނާ ބުނުމަކީ ބުހުތާނު ދޮގު." މަކްތަބާ ސަލަފިއްޔާގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އާންމު ފަރާތަކުން ހުށަހަޅައިގެން އެ މިނިސްޓްރީން ބެލިބެލުމުން މަކްތަބަ ސަލަފިއްޔާ އިން ތިން ސަރަހައްދެއްގައި ސްކޫލު ހިންގަމުން އަންނަ ކަމަށެވެ. އެ ސްކޫލުތަކަކީ ރަޖިސްޓާކޮށްގެން ހިންގާ ތަންތަނެއް ނޫން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ސްކޫލުތަކަށް ނުފޮނުވާ ކުދިން އެ ސްކޫލުތަކަށް ފޮނުވާ ކަމަށް މައުލޫމާތު ލިބޭ. ސީދާ ކިހާ ކުދިންނެއް ކަމެއް ނޭނގެ އެ ސްކޫލުތަކަށް ދަނީ. އެކަމަކު އަޅުގަނޑުމެން އެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަމުން ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

މަކްތަބާ ސަލަފިއްޔާއާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް މިދިޔަ ހަފްތާގައި ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަން ވިދާޅުވީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަޔަކު ބުނާނަމަ އެކަމުގެ ހުއްޖަތް ދައްކަން ޖެހޭނެ ކަމަށެވެ. މިހާތަނަށް ހަރުކަށި ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވިދާޅުވީ މިސްކިތްތަކުގައި މިހާތަނަށް ދީފައިވާ ދަރުސްތަކުގެ ވީޑިއޯތައް ފެންނަން ހުންނާނެ ކަމަށާ އެ ދަރުސްތަކުގައި ހަރުކަށި ފިކުރަށް ގޮވާލާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކޮށްފައިވާނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ނިސްބަތްކޮށްފައި ހަރުކަށި ފިކުރު ފަތުރާ މީހެކޭ މިގޮތަށް ބުނާ ކަމަށްވާނަމަ ގެންނާށޭ ހުއްޖަތް. ޕްރެސްގައި ބަޔާންކުރެވުނު ފަދައިން އަގީދާގެ ފޮތްތައް އަޅުގަނޑުމެން ކިޔަވަދެނީ މިސްކިތްތަކުގައި، މިނިސްޓްރީން ހުއްދަ ނަގައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ފޮތް މިހާރު ކިޔަވަދީފިން. އެ ފޮތްތަކުގެ ތެރޭގައި މި އުންމަތުގެ އަހުލުއްސުންނަވަޖަމާއަތުގެ އިމާމުގެ މި ލަގަބް ލިބިވަޑައިގެންފައިވާ އިމާމުންގެ ފޮތްތައްވާނެ ކިޔަވަދީފައި. އަޅުގަނޑުގެ ހަރުކަށި ފިކުރަނީ ކޮބައިތޯ." މުހައްމަދު ހަސަން ވިދާޅުވިއެވެ.