ހަބަރު

ސަފާރީތައް ބަނދަރު ކުރަން ދިޔަނެރު ފަޅު ދޫކުރަން ނިންމައިފި

Dec 24, 2019

ސަފާރީތައް ބަނދަރު ކުރުމަށް މާލެ އަތޮޅުން ފަޅެއް ކަނޑައަޅައި އެ ފަޅު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސް ހަފުލާގައި ރޭ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަފާރީތައް ބަނދަރު ކުރުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން މާލެ އަތޮޅުން ފަޅެއް ކަނޑައަޅައި އެ ފަޅު އެ ކަމަށްޓަކައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އިއުލާން ކުރެއްވި ގޮތުގައި އެ ފަޅަކީ މާލެއާ އަށް ކިލޯމީޓަރު ދުރުގައިވާ ދިޔަނެރު ފަޅާ ޖެހިގެން އޮންނަ "ދިޔަނެރު 2" އެވެ. އެ ފަޅު ތަރައްގީކޮށް އަންނަ އަހަރުން ފެށިގެން ސަފާރީތައް ބަނދަރު ކުރުމަށް އެ ފަޅު ސަރުކާރުން ދޫކުރާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"މިރޭ އަޅުގަނޑަށް ލިބޭ އުފަލެއް އަދި ޝަރަފެއް ތިޔަ ބޭފުޅުންގެ ބަނދަރު ތިޔަ ބޭފުޅުންނަށް އިއުލާން ކޮށްދެއްވުމަކީ. އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރު މާލެ ކައިރިން ދިޔަނަރު ފަޅާއި ޖެހިގެން އޮންނަ ފަޅު، ދިޔަނެރު 2 ފަޅަކީ ތިޔަ ބޭފުޅުންގެ ބަނދަރު." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޓިން އިންޑަސްޓްރީ ފުޅާވަމުން އަންނައިރު ސާފާރީ އުޅަނދުފަހަރު ބަނދަރު ކުރާނެ އެކަށޭނެ ފަޅެއް ނެތުމަކީ އެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެހެންކަމުން މާލެ އަތޮޅުން އެ އުޅަނދުތައް ބަނދަރު ކުރަން ފަޅެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ އަންނަ އަހަރު ޓޫރިޒަމާ ބެހޭ 20 ގަވާއިދަކަށް އިސްލާހު ގެންނާނެ ކަމަށާއި އޭގެ ތެރޭގައި ސާފާރީތަކާ ބެހޭ ބައެއ ގަވާއިދުތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ގަވާއިދުތަކަށް ބަދަލު ގެނެވޭއިރު ބޯޓިން އިންޑަސްޓްރީއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި އެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.