ހަބަރު

ފްލައިޓުގެ އަދަދު ރެކޯޑު އަނެއްކާވެސް މުގުރާލައިފި

Dec 24, 2019
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރި ފްލައިޓުގެ އަދަދުގެ ރެކޯޑް މިދިޔަ އާދީއްތަ ދުވަހު އަނެއްކާވެސް ހެދިފައިވާކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަރައި، މައި އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު ގާއިމުވެފައިވާ ކަމަށެވެ.

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ދެ ވަނަ ފަހަރެވެ. އެގޮތުން، މި މަހުގެ އެއްވަނަ ދުވަހު ފްލައިޓް މޫވްމެންޓް 226 އަށް އަރާފައިވާ ކަމަށެވެ. އޭގެ ކުރިން، އެއް ދުވަހެއްގެ މައްޗަށް އެއާޕޯޓު އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު 219 ފްލައިޓް މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އާދީއްތަ ދުވަހު 101 އިންޓަނޭޝަނަލް ފްލައިޓް މައި އެއާޕޯޓު ބޭނުން ކޮށްފައިވާއިރު އެ ދުވަހު ބޭނުންކުރި ޑިމެސްޓިކް ފްލައިޓުގެ އަދަދު 121 އަށް އަރާ ކަމަށެވެ. އަދި އެހެނިހެން 17 ފްލައިޓެއް ވީއައިއޭގެ ރަންވޭ ބޭނުންކޮށްފައިވާ ކަމަށެވެ.

އެއާޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައި މިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށެވެ. ރާއްޖޭގެ ޓޫރިޒަމް މައި ސީޒަން ފެށުމާއެކު ޓޫރިސްޓު އެރައިވަލް ދަނީ މަތިވަމުންނެވެ. މިއަހަރުގެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ރެކޯޑު އިތުރުވުމެއް އައިސްފަ އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެ އަށް ފުރަތަމަ ފަހަރަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.