މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން ގެންދާ މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވަނީ ކޮށްފައެވެ. ފުލުހުން ބުނީ ކަރެކްޝަންސްއާ ހަވާލު ނުކުރާތީ ހިތްހަމަ ނުޖެހިގެން އަށް ގައިދީއަކު އާދިއްތަ ދުވަހު ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި އެ މީހުން ކާން އިންކާރު ކުރީ ދެ ނަމްބަރު ޖަލުގައި ތިބެގެން ކަމަށެވެ. އޭގެ ތެރެއިން ހަތް މީހުން އިއްޔެ ހެނދުނު ކާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަވަސްއާ ވާހަކަދައްކަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުން ގެންދާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން މިދަނީ ގައިދީންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން. އެ ގޮތުން ފުލުހުންގެ ބަންދުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތްވެސް އެބަ ހިނގާ. އަދި މާފުށީ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކެއް ދަނީ ހޯދަމުން." ނަސީމް ވިދާޅުވިއެވެ.

ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ހުރި މިވަގުތު ދޫނިދޫ ޖަލުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 50 ގައިދީއަކީ ހުކުމް ތަންފީޒު ކުރަން ހަވާލު ކުރަން ޖެހޭ މީހުން ކަމަށާއި ބާކީ ތިބީ ރިމާންޑްއަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށެވެ.

ނަމަވެސް ކަރެކްޝަންސްގެ ޖަލުތައް ފުރި ޖާގަ ނެތިގެން އެ މީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.