ހަބަރު

ޔާމީން މިނިވަންކުރަން ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާދޭ: އަދުރޭ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމިން މިނިވަން ކުރަން ކުރަމުންގެންދާ މަސައްކަތައް އެެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ، އިދިކޮޅުގެ ސަފުތައް ބައިބައި ކޮށްލަން މީޑިއާއާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ޖަލްސާތަކާއި، އެއްވުންތައް ބާއްވާގޮތަށް މިހާރު އިދިކޮޅުން ނުބާއްވާކަމަށްބުނެ، މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަބުދުއްރަހީމް ވިދާޅުވީ، އެ ހަރަކާތްތަށް ބަރާބަރަށް ކުރިޔަށް ގެންދާ ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕަކީ އެއްގޮތަކަށްވެސް އެ ބޭފުޅުން އެހީކުރާ ކަހަލަ ނާގާބިލު ލީޑާޝިޕެއް ނޫން. އެއަށްވުރެމާ ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމާއެކީގައި، ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ލީޑާޝިޕެއް އޮތީ. އަޅުގަނޑުމެން މިގެންދަނީ އެބޭފުޅުންނަށް ނުވިސްނޭނެ އޭންގަލްތަކުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން" އަބުދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ، އެޕާޓީ ޖަހައިގަންނާކަށް އެއްވެސް ބަޔަކަށް ޖާގައެއް ނުދޭނެ ކަމަށާއި، އެކި ގޮތްގޮތަށް މަސައްކަަތް ކުރެެއްވި ނަމަވެސް އެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އެއްލާ އެއްވެސް ގަޅިއަކުން އިދިކޮޅަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށާއި، އެއަށްވުރެ މާ ހަންބޯވާނެ ކަމަށެވެ.

އަބުދުއްރަޙީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އިލްތިމާސްކުރައްވަފައިވާ ގޮތަށް ޕީޕީއެމް، ޕީއެންސީގެ މައްޗަށް އެއްވެސް މިނިކާ ބާޒަކަށް ގަދަވުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި 2023 ގައި ޕީޕީއެމް، ޕީއެންސީން ރިޔާސީ ކެނޑިޑޭޓަކަށްވެސް ހުންނަވާނީ ރައީސް ޔާމީން ކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.