އިސްލާމިކް މިނިސްޓްރީ

މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލްވުން ބޭއްވި މައްސަލަ ބަލަނީ

ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަން އިސްކޮށް ހުންނަވާ، މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލްވުން ބޭއްވި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުއާއި އަދި އެ ގާނޫނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ހުއްދަ ހިފަހައްޓާފައިވާ ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަން އިސްކޮށް ހުންނަވާ، މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލްވުމެއް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހޮޓެލް ޖެންގައެވެ.

އަވަސްއާއި ވާހަކަދައްކަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލްވުން ބޭއްވި މައްސަލަ ހާއްސަ މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ ހޯމް މިނިސްޓްރީއާއި ގުޅިގެން ކަމަށެވެ.

މަކްތަބާ ސަލަފިއްޔާއިން ބުނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމަކީ މުހައްމަދު ހަސަންގެ ދަރުސް ދިނުމުގެ ހުއްދަ ހިފަހައްޓައިގެން ބޭއްވި ބައްދަލްވުމެއް ނޫން ކަމަށާ އެއީ މީޑިއާގައި މުހައްމަދު ހަސަން އާއި ހަރުކަށި ފިކުރާ ޖިހާދީ ފިކުރާ ގުޅުވައިގެން ހުއްދަ ހިފެހެއްޓުމުގެ ކުރިންނާއި އަދި އޭގެ ފަހުންވެސް ވާހަކަ ދެކެވެމުންދާތީ އެކަމުގެ ހަގީގަތް ބަޔާން ކުރުމަށް ބޭއްވުނު ބައްދަލްވުމެއް ކަމަށެވެ. އަދި އެއީ ހުއްދަ ހިފެހެއްޓުމުގެ ކުރިންވެސް ބޭއްވުމަށް ވާހަކަ ދެކެވިފައިވާ ބައްދަލްވުމެއް ވަނީ ބުނެފައެވެ.

މަކްތަބާ ސަލަފިއްޔާއިން ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި މުހައްމަދު ހަސަން ވިދާޅުވީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބަޔަކު ބުނާނަމަ އެކަމުގެ ހުއްޖަތް ދައްކަން ޖެހޭނެ ކަމަށެވެ. މިހާތަނަށް ހަރުކަށި ފިކުރު ފެތުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވިދާޅުވީ މިސްކިތްތަކުގައި މިހާތަނަށް ދީފައިވާ ދަރުސްތަކުގެ ވީޑިއޯތައް ފެންނަން ހުންނާނެ ކަމަށާ އެ ދަރުސްތަކުގައި ހަރުކަށި ފިކުރަށް ގޮވާލާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކޮށްފައިވާނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ނިސްބަތްކޮށްފައި ހަރުކަށި ފިކުރު ފަތުރާ މީހެކޭ މިގޮތަށް ބުނާ ކަމަށްވާނަމަ ގެންނާށޭ ހުއްޖަތް. ޕްރެސްގައި ބަޔާންކުރެވުނު ފަދައިން އަގީދާގެ ފޮތްތައް އަޅުގަނޑުމެން ކިޔަވަދެނީ މިސްކިތްތަކުގައި، މިނިސްޓްރީން ހުއްދަ ނަގައިގެން. ގާތްގަނޑަކަށް 10 ވަރަކަށް ފޮތް މިހާރު ކިޔަވަދީފިން. އެ ފޮތްތަކުގެ ތެރޭގައި މި އުންމަތުގެ އަހުލުއްސުންނަވަޖަމާއަތުގެ އިމާމުގެ މި ލަގަބް ލިބިވަޑައިގެންފައިވާ އިމާމުންގެ ފޮތްތައްވާނެ ކިޔަވަދީފައި. އަޅުގަނޑުގެ ހަރުކަށި ފިކުރަނީ ކޮބައިތޯ." މުހައްމަދު ހަސަން ވިދާޅުވިއެވެ.