ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދިނީ މަރާލުމުގެ ގަސްތުގައި ނޫން ކަމަށް ގާސިމްގެ ގާތިލް، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ބުނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ގާސިމް ހަސަންގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައެވެ.
ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.
ފުލުހުން މިއަދުވެސް ބުނީ ގާސިމް ހަސަން މަރާލި ކަމަށް އަދްހަމް އެއްބަސްވެފައިވާ ކަމަށާ އެ ވާހަކަަތައް ފުލުހުންގެ ތަހުގީގުގެ އިތުރުން ކޯޓްގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. އަދި އަދްހަމްގެ އަމިއްލަ އިއުތިރާފުގެ އިތުރުން ފުލުހުންގެ ތަހުގީގުންވެސް މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ.
"ގާސިމް ހަސަން މަރާލާފައިވާ މައްްސަލައިގައި އަދުހަމް ހައްޔަރުކުރެވިފައިވަނީ، ތަހުގީގަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ކޮޅާ ހިސާބަށް ދެވި، އެ ހުރިހާ މައުލޫމާތުތައް ކަށަވަރުކޮށް ބެލި ބެލުމުން މި ހާދިސާއަކީ ސީދާ ގާސިމް ހަސަންއަށް ޓާގެޓް ކުރެވިގެން ހިންގާފައިވާ ހާދިސާއެއްކަމަށް ބެލުމުގެ ފުރުސަތު ހަނިވެފައިވުމާއެކު، މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށްޓަކައި ފޭރުމާ، މަސްތުވާތަކެއްޗާއި އަނިޔާވެރި އަމަލުތަކުގެ ކުށުގެ ރެކޯޑްސް އޮންނަ ފަރާތްތަކަށް ފޯކަސް ކުރެވިގެން ކުރެވުނު ހާއްސަ މަސައްކަތްތަކުގެ ތެރެއިން."
ފުލުހުން ބުނީ ގާސިމް ހަސަންގެ މަރުގެ މައްސަލައާއި ގުޅިގެން އަދަހަމް ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ އަމިއްލަ އިހްތިޔާރުގައި ތަހުގީގަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން އޭނާ މަސައްކަތް ކުރީ ގާސިމް ހަސަންއަށް ބިރު ދައްކާ ފޭރެން ކަމަށާ އެހެން ނަމަވެސް އޭނާގެ ކަރުގައި އެއް އަތުން ހިފާ އަނެއް އަތުން ވަޅިން ބިރުދެއްކުމުން ގާސިމް ހަސަންގެ ދެ އަތުން ވަޅީގައި ހިފާ، ހަޅޭލައިވައިގަނެ، ކާރުން ފައިބަން މަސައްކަތް ކުރުމުން ވަޅިން ގާސިމްގެ ކަރަށް ހަމަލާދިން ކަމަށް އަދުހަމް ބުނެފައިވާ ކަމަށެވެ.
އަދި ގާސިމަށް ހަމަލާދިންއިރު އޭނާ ލައިގެން ހުރި އަންނައުނު ބަދަލުކޮށްފައިވާ ކަމަށާ ނަމަވެސް ފުލުހުންގެ ތަހުގީގަށް އެ އަންނައުތައް ހޯދާފައިވާ ކަމަށެވެ.
"މައްސަލައިގެ ތަހުގީގުގައި އަދްހަމް މުހައްމަދު އިއުތިރާފުވެފައިވީނަމަވެސް، މައްސަލައިގެ ތަހުގީގު އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބިނާކޮށްފައިވާނީ އަދި ބިނާކުރާނީ އިއުތިރާފުގެ މައްޗަށް ނޫން ކަމުގައި ދަންނަވަން. އެ ގޮތުން މިހާރުވެސް ސީސީޓީވީ ފްޓޭޖްގެ އަލީގައި އަދި ފޮރެންސިކް ހެކީގެ އަލީގައި މައްސަލައާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ދެނެގަނެ، ޔަގީން ކުރެވިފައިވޭ. އެގޮތުން 2019، ޑިސެންބަރު ހަތަރުވަނަ ދުވަހުގެ 20:12 ގައި ގާސިމް ހަސަން އޭނާގެ ރައްޓެހިންނާއެކު 'ކޭމާޓް ކެފޭ' ގައި ކޮފީ ބޯން އިނދެފައި ގޮސް އަމީނީމަގުން ގޮސް، ކުޑަކުދިންގެ ޕާކް ކުރިމަތީ ޕާކްކޮށްފައި އޮތް އޭނާގެ ޓެކްސީއަށް އެރުމަށް ގޮސްފައިވާކަން ކަށަވަރުކުރެވިފައިވޭ. އަދި 2019، ޑިސެންބަރު ހަތަރުވަނަ ދުވަހުގެ 20:18 ގައި ޓެކްސީގައި އަމީނީމަގުން ނިކުމެގެންގޮސް، ބޮޑުތަކުރުފާނު މަގުން ގޮސް ބްރިޖުން އެއާޕޯޓަށް ގޮސްފައިވާކަން ފާހަގަކުރެވޭ."
އަދި އެއާޕޯޓުން ދަތުރެއް ނަގައިގެން ހުޅުމާލެއަށް ގޮސްފައިވާ ކަމަށާ ގާސިމްގެ ޓެކްސީ ހުޅުމާލޭގައި ދަތުރުކުރި މަގުތައް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ގާސިމްގެ ގާތިލް އަދްހަމްގެ ހަރަކާތްތައް އެ ދުވަހު ހުރި ގޮތާއި، އެ ހާދިސާއާއި ގުޅިގެން އިތުރަށް ހޯދަންޖެހޭ ކަންކަން މިހާރު ބަަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"އެ ގޮތުން މިވަގުތު މައިގަނޑު ގޮތެއްގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ފޮރެންސިކް އިތުރު ތަހުލީލުތައް ކުރުމާއި، ތުހުމަތު ކުރެވޭ ފަރާތް ދައްކާފައި ހުރި ވާހަކަތައް 'ކޮރަބްރޭޓް' ކުރެވޭ ގޮތަށް ފްޓޭޖް އެނަލިސިސްއާ، މިހާތަނަށް ސުވާލު ކުރެވުނު މީހުންގެ އިތުރަށްވެސް ސުވާލުކުރަންޖެހޭ އިތުރު ބަޔަކު ތިބިތޯ ބަލާ، އެ ފަރާތްތަކުގެ ބަޔާންތައް ނަގާ، ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން."
ފުލުހުން ބުނީ މިފަދަ ކޮންމެ މައްސަލައެއްގައިވެސް ފުލުހުން މަސައްކަތް ކުރަމުންދަނީ މައްސަލައިގެ ހަގީގަތަށް ވާސިލްވެ، އަނިޔާ ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަށް އިންސާފު ހޯދާ ދިނުމަށް ކަމަށެވެ.
ބައެއްގެ ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފައެވެ.
މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ.