ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރާލުމުގައި އެހެން ބައެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލާފައިވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދު ކަމަށާ އެ މަރުގައި އެހެން ބައެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ގާސިމް ހަސަންގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އަދްހަމް މުހައްމަދަކީ ވައްކަމާ، މަސްތުވާތަކެއްޗާ، ފޭރުގެ ރެކޯޑްސް އޮތް މީހެއް ކަމަށެވެ. އޭނާ ގާސިމް ހަސަން މަރާލި ގޮތް ތަހުގީގާއި، ކޯޓްގައިވެސް ކިޔައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ގާސިމްގެ މަރާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން އެ މަރުގައި އެހެން ބައެއްގެ ނުވަތަ މީހެއްގެ ބައިވެރިވުން އޮތްކަން އެނގިފައިނުވާ ކަމަށެވެ.

"އަދްހަމް މުހައްމަދަކީ މީގެ ކުރިންވެސް ވައްކަމާ، ފޭރުމާ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮތް ފަރާތެއް، އެހެންވީމަ އެފަދަ ތުހުމަތަކެއް ކުރިންވެސް އޭނާގެ މައްޗަށް އެބަހުރި ކުރެވިފައި. އެހެން ނަމަވެސް ކުރިންވެސް ދެންނެވުނު ގޮތަށް ގާސިމް ހަސަންގެ މަރާ ގުޅޭގޮތުން އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކުރަން." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ގާސިމަށް ހަމަލާދިންއިރު އަދްހަމް ލައިގެން ހުރި އަންނަނު ބަދަލުކޮށް އޭނާގެ ރަހުމަތްތެރިއެއްގެ އަތުން އެހެން އަންނައުނުތަކެއް ހޯދާފައިވާ ކަމަށާ ނަމަވެސް އަދްހަމް ކުރި އަމަލުގެ މައުލޫމާތު އޭނާގެ ރައްޓެހިންނަށް ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ޔަގީނާ ގާތަށް ބުނަން އެނގޭ މި ހާދިސާ، މި އަމަލު ހިންގުމުގައި އިތުރު ބައެއްގެ ބައިވެރިވުމެއް ނެތްކަން. ދެން އިތުރަށް މި ހާދިސާއަށްފަހު ދިމާވި ފަރާތްތައް މި ހާދިސާގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން."