ދުނިޔެ

ޓްރަމްޕާ ދެކޮޅު އީމެއިލާއެކު މަގާމު ގެއްލޭނެ ކަމުގެ ބިރުބޮޑު

Dec 24, 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިމްޕީޗުކުރަން ކޮންގްރެސްއިން ނިންމި ނިންމުމަށްފަހު އެމެރިކާގެ ސިޔާސީ މައިދާން މިހާރު ވަނީ ބޮޑު ބައިބައި ވުމަކަށް ގޮސްފަ އެވެ. މި ބައިބައިވުން ހަމައަކަށް ނޭޅިގެން އުޅެނިކޮށް ޓްރަމްޕާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ އިމޭއިލްތަކެއް އިދިކޮޅުން ވަނީ ހާމަކޮށްފަ އެވެ. މިއާއެކު ސެނެޓުގެ ޝަރީއަތުގައި ޑިމްކްރަޓިކް ޕާޓީގެ މެމްބަރުން ބޭނުންވާ އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ޓްރަމްޕުގެ މަގާމުގައި ދެމިހުރެދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިދިކޮޅުން ޓްރަމްޕު އިމްޕީޗްކޮށްފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ފޯނު ކުރައްވައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސިޔާސީ ވާދަވެރިއާ ދެކޮޅަށް ނާޖާއިޒު ފައިދާ ނެންގެވި ކަމަށް ބުނެ އެވެ. ނަމަވެސް ޓްރަމްޕު ވަނީ މިކަން ދޮގު ކޮށްފަ އެވެ.

އާންމު ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަގާމުން ދުރުކުރަން ޖެހޭ ވަރުގެ ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި އެދިވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅުން ޓްރަމްޕާ ދެކޮޅަށް އީމެއިލް ހޯދާފައިވަނީ އެމެރިކާގެ ފްރީޑަމް އޮފް އިންފޮމޭޝަން ގާނޫނުގެ ދަށުންނެވެ. އެ އީމެއިލްތަކުގެ ތެރޭގައި ވައިޓް ހައުސްގެ ބަޖެޓް އޮފީހުގެ އޮފިޝަލެއް ކަމަށްވާ މައިކަލް ޑަފޭގެ އީމެއިލްވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެއް އީމެއިލްގައި ޑަފޭ ވިދާޅުވެފައިވަނީ، ބައިޑެން އާ ގުޅައިގެން ފޯނުން ދެއްކެވި ވާހަކަތަށް އެހާބޮޑަށް ނުދެއްކުމަށް އެދޭ ކަމަށެވެ. އަދި އެހެންނޫނީ ގާނޫނީ މައްސަލަތެއް ދިމާވެދާނެ ކަމަށް ވެސް އީމެއިލްގައި ޑަފޭ ވަނީ ބުނެފަ އެވެ.

ކޮންގްރެސް އިން ފާސްކުރާ ބަޖެޓެއް ދޫނުކޮށް ވައިޓް ހައުސް އިން ހިފަހައްޓާ ނަމަ އެކަން ކޮންގްރެސް އަށް އަންގަން ޖެހެ އެވެ. އެކަމަކު ފޯނު ކޯލަށް ފަހު، ޔޫކްރެއިންގެ އެހީ ހިފަހައްޓަން ވައިޓް ހައުސްއިން އެންގުމާއި އެކަން ސިއްރުކުރުމަކީ، އިމްޕީޗްމަންޓްގައި ޑިމޮކްރެޓިކް މެމްބަރުން ދެއްކެވި ވާހަކައަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސްއިން ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ތަހުގީގު، ކޮންގްރެސްގެ ތިރިގެ، ހައުސް އިން ފެށީ، ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކޮށް ބައިޑަންގެ ތަހުގީގު ފަށާކަން އިއުލާންކުރުމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ފައިދާ ލިބޭ ގޮތަށް، ބޭރު ގައުމެއް ވެއްދުން ކަމަށް ޑިމޮކްރެޓިކްއިން ވަނީ އިމްޕީޗްމެންޓުގެ ހުރިހާ މަރުހަލާއެއްގައި ބުނެފަ އެވެ.

ފޯނު ކޯލުގެ ވާހަކަތަށް އާންމުކޮށް އެކަން ބަލައިދިނުމަށް އެދިފައިވަނީ އިންޓެލިޖެންސް ކޮމިޓީގެ ޗީފް އެޑަމް ޝިފް އެވެ. އެޑަމް ޝިޕް ފޯނު ކޯލުގެ މައުލޫމާތު އާންމު ކުރުމުން ޓްރަމްޕު ވަނީ ހިފަހައްޓާފައިވާ ޔޫކްރެއިންގެ އެހީ ވަގުތުން ދޫކޮށްފަ އެވެ. އަދި އެވާހަކަށް ނުދެއްކުމަށް އެދި މެއިލްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން އެކަން ވައިޓްހައުސްއިން ބޭރަށް ނުގެންދިޔުމަށް ވަނީ މެއިލްގައި އެދިފަ އެވެ.

މިހާރު ޑިމޮކްރެޓިކްއިން އާންމުކޮށްގެން އުޅޭ ޑަފޭގެ އީމެއިލްތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނީ، ޑިމޮކްރެޓިކްއިން ގެންދަނީ ޑަފޭގެ އީމެއިލްތަކުގެ މާނަ އޮޅުވާލުމުން ކަމަށެވެ. އަދި މިހާތަނަށް ޓްރަމްޕާ ދެކޮޅަށް ފަށާފައިވާ އިމްޕީޗްމެންޓް ހަނގުރާމައިގައި ޓްރަމްޕަށް އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ގޮންޖަހާ ލެވިފައި ނުވާއިރު މައްސަލައިގެ ތުހުމަތާ ގުޅިގެން އެހާ ބުރަދަން ހުންނަ ވާހަކައެއް ވެސް ނުދައްކަ އެވެ.

ޓްރަމްޕާ ދެކޮޅަށް ކިތަންމެ ގިނައިން ހެކި ހުށަހެޅި ނަމަވެސް ސެނެޓުގެ ޝަރީއަތުން ޓްރަމްޕު ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ. އެއީ ރައީސްކަމުގެ މަގާމުން ވަކިވާނީ ސެނެޓްގެ ތިންބައި ކުޅަ ދެބައިގެ ވޯޓުންނެވެ. ޖުމްލަ 100 މެމްބަރުން ތިބޭ ސެނެޓްގެ މެޖޯރިޓީ ރިޕަބްލިކަންއަށް އޮތީ 53 މެމްބަރުންނާ އެކު އެވެ. ޑިމޮކްރެޓިކް ޕާޓީގެ 45 އަދި މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ވަކިކުރަން މަދުވެގެން ބޭނުންވާ 67 ވޯޓު ލިބޭނީ ރިޕަބްލިކަން ޕާޓީގެ 20 މެމްބަރަކު ވޯޓު ލައްވައިފި ނަމަ އެވެ.