ދުނިޔެ

ނޭޕާލުގެ ބޭންކު ހެކްކޮށްގެން ފައިސާ ނެގި ޗައިނާގެ 122 މީހަކު ހައްޔަރުކޮށްފި

Dec 24, 2019
1

ޓޫރިސްޓުންގެ ގޮތުގައި ނޭޕާލަށް ގޮސް އެގައުމުގެ ބޭންކު އަދި އޭޓީއެމް ހެކްކުރި ޗައިނާގެ 122 މީހަކު ހައްޔަރުކޮށްފި އެވެ. މިއީ ނޭޕާލްގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ސައިބާކްރައިމް އެވެ. އަދި ބޭރު ގައުމެއްގެ ބަޔަކު ބައިވެރިވެގެން ހިންގި އެންމެ ބޮޑު ކުށުގެ އަމަލެވެ.

ނޭޕާލްގެ ޗީޕް އޮފް ޕޮލިސް އުއްތަމް ސުބޭޑީ ވިދާޅުވީ، ހައްޔަރުކުރި ޗައިނާ މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ގައިރު ގާނޫނީ އަމަލުތަކެއް ހިންގަމުންދާކަމަށް ޝައްކު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޮޕަރޭޝަން ތެރެއިން އެމީހުން ހައްޔަރުކުރި އިރު ތިބީ ބޭންކުން އޮންލައިންކޮށް އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރަން ކަމަށް ވެސް ސުބޭޑީ ވަނީ ވިދާޅުވެފަ އެވެ. އެކަން ކުރީ ބޭންކު ނެޓްވޯކުގެ އެލާމިން އަދި ނޯޓިފިކޭޝަން ފޮނުވައިދޭ ސާވިސް ޑައުންކޮށްގެން ކަމަށްވުމުން ބޭންކް މުވައްޒިފުންނަށް މިވައްކަން ހިގިކަން ނޭގެ އެވެ.

ހައްޔަރުކުރި ޗައިނާ މީހުންގެ ޕާސްޕޯޓު މިހާރު ވަނީ އަތުލައިފަ އެވެ. އަދި އެމީހުން އެއް ޖަލެއްގައި ބަންދު ކުރުމުގެ ބަދަލުގައި ބަންދުކޮށްފައިވަނީ ވަކިވަކި ސަރަހައްދުތަކުގައި ހުރި ޖަލުތަކުގަ އެވެ. މިމީހުން ވަނީ ބޭންކުގެ އިތުރުން އޭޓީއެމް އަދި ޕީއެސްއޯ މެޝިން ހެކްކޮށް ޑެބިޓް ކާޑުގެ މައުލޫމާތު ހޯދައި އޮންލައިންކޮށް ވިޔަފާރިކޮށްފައި ކަމަށް ވެސް ސުބޭޑީ ވަނީ ވިދާޅުވެފަ އެވެ.

އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގެ ބޭންކު ހެކްކޮށްގެން ފައިސާ ވަގަށް ނެގުމަކީ ޗައިނާގެ ހެކަރުން އާންމުކޮށް ކުރާ ކަމެކެވެ. މިކަން ކުރަނީ ބޭނުންވާ ގައުމަކަށް ގޮސް އެވެ. ގައުމުތަކަށް ދިޔުމުގައި ބޮޑަށް ބަލަނީ އޮން އެރިވަލް ވިސާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެވޭ ގައުމުތަކަށެވެ.

މިދިޔަ ހަފްތާގައި ޕިލިޕީންސްގެ ފުލުހުން ވަނީ އޮންލައިންކޮށް ގާނޫނާ ހިލާފަށް ޖުވާ ކުޅެމުން ދިޔަ ޗައިނާގެ 342 މީހަކު ހައްޔަރުކޮށްފަ އެވެ. މި އެންމެވެސް ޗައިނާގައި އުޅެމުންދިޔައީ ވޯކް ވިސާގަ އެވެ. އެކަމަކު ތަހުގީގު އެގުނު ގޮތުގައި މިމީހުން ދިޔައީ ފުޅާ ދާއިރާއެއްގައި މީހުންގެ ކާޑުތަކުގެ މައުލޫމާތު ވިއްކައި ކާޑުތަކުން އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންނެވެ.