ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރު: ފަހު ވަގުތުވެސް މަސައްކަތްކުރީ މުދަލާ ސަލާމަތަށް!

މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމާލީ ރަހުމު ކުޑަގޮތަކަށް ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލީ ގާތިލާއި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. ގާސިމް ވެގެން ދިޔައީ ހުޅުމާލޭގައި ފޭރެން މަސައްކަތް ކުރަމުން ދިޔަ ކުށްވެރިއެއްގެ ޝިކާރައަކަށެވެ.

ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، އަދުހަމް މުހައްމަދެވެ. އޭނާ ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެފަ އެވެ. ގާސިމް މަރާލި ކަމަށް ތުހުމަތު ކުރެވޭ އަދުހަމަކީ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެކެވެ.

ޑްރައިވަރު ގާސިމްގެ މައްސަލާގައި ފުލުހުން ކުރި ތަހުގީގުގެ ތަފުސީލީ މައުލޫމާތު ފުރަތަމަ ފަހަރަށް ހާމަ ކުރަމުން ފުލުހުންގެ ސަބް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ގާސިމް މަރާލުމުގެ ކުރިން އެ ދުވަހުގެ މެންދުރުން ފެށިގެން އަދުހަމް އުޅެމުން ދިޔައީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުގެ ހާލުގައި ކަމަށެވެ.

ސާމިހް ހާމަ ކުރެއްވި ގޮތުގައި އަދުހަމަކީ އޭނާގެ ޒަރޫރީ ބޭނުންތަކާއި މަސްތުވުމަށްޓަކައި މަސްތުވާތަކެތި ހޯދުމަށް އަބަދުވެސް މީހުންގެ އަތުން ފޭރިގެންނާއި ތަންތަނުން ވައްކަން ކޮށްގެން ފައިސާ ހޯދަމުންދާ މީހެކެވެ. އެ ގޮތުން މި މަހުގެ ހަތަރުވަނަ ދުވަހު މެންދުރުފަހު އޭނާ ހުޅުމާލެ ދިޔައީ ވެސް މަސްތުވާނެ ތަކެއްޗާ، އެ ކަމަށް ބޭނުންވާ ފައިސާ ހޯދަން ކޮންމެ ވެސް މީހެއްގެ އަތުން ފައިސާ ހޯދުމަށެވެ.

ހުޅުމާލެއަށް ދިޔަ ފަހުން ވެސް އަދުހަމް މަސްތުވާތަކެތި ބޭނުން ކުރި އެވެ. އިތުރަށް ވެސް މަސްތުވާތަކެތި ހޯދަން ބޭނުންވާ ފައިސާ ހޯދަން މުޅި ދުވަހު އޭނާ މަސައްކަތް ކުރީ މީހެއްގެ އަތުން ފައިސާ ހޯދައި ފޭރިގަތުމަށެވެ. އެކަމަކު އެއީ ދުވާލުގެ ވަގުތު ކަމަށް ވުމުން އޭނާއަށް ފޭރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ނުލިބުނެވެ.

އަދުހަމް އަމާޒަކަށް ގާސިމް

އަދުހަމް އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ މަގުމަތިން މީހެއްގެ އަތުން ޖަހައިގަނެގެން ފޭރުމަށެވެ. ނަމަވެސް މެންދުރު ފަހަށް އެޅިއިރު ވެސް ފުރުސަތެއް ނުލިބުނުން ދެން އޭނާ ނިންމީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ބިރު ދައްކައިގެން މީހެއްގެ އަތުން ފޭރުމަށެވެ. އެ ގޮތުން ހުޅުމާލޭގެ ކެފޭއަކުން އޭނާ ވަޅިއެއް ހޯދި އެވެ.

ނަމަވެސް އަދުހަމް ފުލުހުންނަށް ބަޔާން ދިން ގޮތުގައި ހުޅުމާލޭގައި ފުލުހުންގެ ހަރަކާތްތައް އޭގެ ފަހުން ވެސް އޭނާއަށް ފޭރެން ރަނގަޅު ފުރުސަތެއް ނުލިބުނެވެ. އަދުހަމް ދެން ނިންމީ ޓެކްސީއެއްގައި ހުޅުލެއަށް ގޮސް އޭނާގެ މަގްސަދު ހާސިލް ކުރާށެވެ. އެކަމަކު ހުޅުލެއަށް ދިޔަ މަގުމަތީގައި އޭނާއަށް ދިމާވި ޑްރައިވަރީ އޭނާ ފޭރެން ބޭނުންވާ ކަހަލަ ޑްރައިވަރަކަށް ނުވި އެވެ.

"އެ ޓެކްސީ ޑްރައިވަރަކީ ވެސް އޭނާ ބޭނުންވާ ކަހަލަ މީހެއް ނޫން ކަމަށް ނިންމީ. އެ ޓެކްސީ ޑްރައިވަރުގެ ވާހަކަ ދެއްކުންތަކުންނާއި އެއީ އެންމެ އެކަށީގެންވާ މީހެއް ނޫން ކަމަށް އޭނާއަށް ގަބޫލު ކުރެވި އެ ޓެކްސީ ޑްރައިވަރަށް އޭނާ ބިރު ދައްކައި ފޭރެން މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރަން." ފުލުހުން ބުންޏެވެ.

އެއާޕޯޓަށް ދިޔުމަށް ފަހުގައި ވެސް އޭނާ ތަކުރާރުކޮށް ވަޅިން ބިރުދައްކައިގެން ކޮންމެ ވެސް ގޮތަކުން ފޭރެން މަސައްކަތް ކުރި އެވެ. އެ ގޮތުން އެއާޕޯޓްގެ ބައެއް ފިހާރަތަކަށް ގޮސްގެން ވެސް ފޭރެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެއާޕޯޓުން އެކަން އޭނާއަށް ކާމިޔާބު ނުވިއެވެ.

"އެއާޕޯޓުން ވެސް އޭނާ ފޭރިގަނެފައި ނުވަނީ އެކަށީގެންވާ މާހައުލެއް ނުވަތަ އެކަށީގެންވާ ފުުރުސަތެއް އެއާޕޯޓުން ނުލިބުން، އެ ގޮތުން އެއާޕޯޓްގައި ވެސް ގިނަ އަދަދެއްގެ ފުލުހުން އެ ވަގުތު ހަރަކާތްތެރިވަމުންދާ ކަން އޭނާ ބުނި، މި ބުނީ ފުލުހުންގެ ޕްރެޒެންސް ކޮންމެ ވެސް ވަރަކަށް އެއާޕޯޓްގައި އޮތް ކަމަށް،" ފުލުހުން ބުންޏެވެ.

ދެން އަދުހަމް އުޅުނީ އެއާޕޯޓްގައި އޮންނަ ޓެކްސީ ކިއުއަށް ގޮސް އޭނާ ފޭރެން ބޭނުންވާ ޒާތުގެ ޓެކްސީ ޑްރައިވަރަކު ހޯދައި އެއަށް އަރައިގެން އެ މީހެއްގެ އަތުން ފޭރުމަށެވެ. އޭނާ އާންމުކޮށް ފޭރެން އަމާޒު ކުރަނީ އުމުރުން ދޮށީ މީހުންނަށެވެ. އެއާޕޯޓުން ގާސިމްގެ ޓެކްސީއަށް އަދުހަމް އެރީ އެއީ އޭނާ އަމާޒު ކުރަމުން ދިޔަ ކަހަލަ މީހެއް ކަމަށް ގަބޫލުކޮށްފަ އެވެ.

ގާސިމްގެ ފަހު ވަގުތުކޮޅު، އަދުހަމަށް ފުރުސަތެއް ނުދިން

ގާސިމް ހަސަނަށް ބިރު ދެއްކުމަށްޓަކައި އޭނާ ބޭނުންވާ ކަހަލަ މާހައުލެއް އޮންނަ ޒާތުގެ މަންޒިލަކަށް ގެންދިޔުމަށްޓަކައި އޭނާ އެންމެ ފުރަތަމަ ގެންދިޔައީ އެއްވެސް ކަހަލަ އަލިކަމެއް ނެތް އަދި މީހުން ވެސް މަދު ސަރަހައްދަކަށެވެ. އެއީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް ނަމަކަށް ކިޔާ އެޕާޓްމަންޓް ހުންނަ ރީތި ގަސް މަގެވެ.

ނަމަވެސް ފުރަތަމަ އެ ތަނަށް ދިޔައިރު، އެ ވަގުތު އެ މަގުގައި ފުދޭވަރަކަށް މީހުން އުޅޭތީ ގާސިމަށް އޮޅުވާލައިގެން އޭނާ ބޭނުންވާ އެހެން މަންޒިލްތަކަށް ގެންދިޔަ އެވެ. އެ ގޮތުން ވިއްސަކަށް މިނެޓް ހުޅުމާލޭގެ އެކި ތަންތަނަށް ދުއްވުމަށް ފަހުގައި އަލުން އަނބުރާ ރީތި ގަސް މަގާ ހަމައަށް ގެންދިޔަ އެވެ.

އެ ވަގުތުކޮށް ގާސިމަށް ހަމަލާ ދޭން އަދުހަމަށް ފުރުސަތު ލިބުމުން ކެފޭއިން އޭނާ ހޯދި ވަޅި ބޭނުން ކޮށްގެން ޓެކްސީ ތެރޭގައި އިނދެ ބިރު ދައްކަން ފެށި އެވެ. އެ ގޮތުން ގާސިމް ޓެކްސީ ދުއްވަން އިންނަ ސީޓްގެ ފަހަތު ސީޓްގައި އިނދެފައި ފަހަތުން ގާސިމްގެ ކަރާ ދިމާއަށް ވަޅި ދިއްކޮށްލި އެވެ.

ނަމަވެސް ފުލުހުން ހާމަ ކުރި ގޮތުގައި، ގާސިމް ދިޔައީ އެންމެ ފަހު ވަގުތަކަށް ވެސް އޭނާގެ ސަލާމަތަށާއި މުދަލުގެ ސަލާމަތަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ވަޅި އަތުލަން ވެސް މަސައްކަތް ކުރި އެވެ. އެ ތަނުން ކައިރިން މީހެއްދާނަމަ އެ މީހަކަށް އެންގުމަށްޓަކައި ވަރަށް ބާރަށް ހަޅޭއް ވެސް ލެވި އެވެ.

އަދުހަމާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި ގާސިމްގެ ކަރަށް އޭނާ ހަމަލާ ދިނީ ވެސް އެ ވަގުތު އަޑުގަދަ ކުރަމުން ދާތީވެ އޭނާގެ އަޑު ކަނޑުވާލުމަށެވެ. އަދި ގާސިމްގެ އަތަށް އަނިޔާވެފައި ވަނީ އަދުހަމްގެ އަތުގައި އޮތް ވަޅި އަތުލަން އޭނާ ކުރި މަސައްކަތުގެ ތެރޭގަ އެވެ.

"ގާސިމް ހަސަނަށް ލިބުނު އަނިޔާތަކުން ވެސް އެނގިފައިވަނީ އެއީ ދިން ހަމައެކަނި ހަމަލާކަން. ނަމަވެސް ގާސިމް ހަސަން އެ އަނިޔާއިން ސަލާމަތް ވުމަށްޓަކައި މަސައްކަތް ކުރިއިރު އެ ވަޅީގައި އޭނާގެ އަތުން ހިފި. ނަމަވެސް އެ ވަޅި ދަމައިގަތް ހިސާބުން އޭނާގެ ދެ އަތުގެ އަތްތިލަ ފުދޭވަރަކަށް ބޮޑަށް ޒަހަމްވެފައިވާ ކަން ވެސް ފާހަގަ ކުރެވުނު." ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފޭރެން އަދުހަމް ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. އެ ކަމަށްޓަކައި ގާސިމް އޭނާއަށް އެއްވެސް ފުރުސަތެއް ނުދިނެވެ. އަދުހަމަށް ގާސިމްގެ އަތުން އެއްވެސް އަދަދަކަށް ފައިސާއެއް އަދި އެހެން މުދަލެއް ވެސް ފޭރިގަނެވިފައެއް ނުވެ އެވެ.