އިމްރާން އަބްދުﷲ

އަންނަ އަހަރު ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ: އިމްރާން

ދެހާސް ވިހަވަނަ އަހަރު ނިމުމުގެ ކުރިން ޖަލުތަކުގެ ޖާގައިގެ ދަތި ކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައި ދެއްވާނެ ކަމަށާއި ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕެރޯލް އޮފިސަރުން އައްޔަން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ބައެއް ގައިދީން ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް އެބަ ތިބި ކަމަށާއި އެއީ ދިވެހި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އިމްރާން އިޝާރާތް ކުރެއްވީ މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތައް މަހުރޫމްވެފައިވާ ކަމަށް ބުނެ ރޭ ދޫނިދޫގައި ބައެއް ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނާ ގޮތުގައި ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ދޫނިދޫގައި ޖަލުގައި އެބަ ތިއްބެވެ.

އިމްރާން މިއަދު ވިދާޅުވީ އެ ގޮތަށް ދިމާވަނީ ކަރެކްޝަންސްގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ. ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ މާފުށީ ޖަލަކީ 1300 އެއްހާ ގައިދީންގެ ޖާގައިގެ ޖަލަކަށްވީއިރު އެ ތަނުގައި 2000 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ހޯމް މިނިސްޓްރީން ރާވާފައި ހުރި މަސައްކަތްތައް ނިމިގެން ދިޔުމާއެކު، ޖަލުގެ ޖާގައަށް އެކަށީގެންވާ ބޮޑު ހައްލެއް ސަރުކާރަށް ގެނެވޭނެ ކަމަށެވެ. އެ ގޮތުން ފާހަގަ ކުރެއްވީ ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަޝްރޫއެވެ.

"ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ޕްލޭން ކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެން ދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެން ދާނެ. މި އަންނަ އަހަރު އިރާދަކުރެވިއްޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެން ދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. " މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖަލުގެ ޖާގައިގެ ދަތިކަން ފިލުވަން ކުރެވިފައި ނުވާ ވަރުގެ ގިނަ މަސައްކަތްތައް މި އަހަރު އެކަނި ވެސް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އަންނަ އަހަރުގެ މަސައްކަތްތައް ނިމުމާއެކު ދިވެހި ރައްޔިތުން ބޭނުންވާ ވަރުގެ ބަދަލެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.