އިލެކްޓްރޯނިކް ޓެގް ތަައާރަފުކޮށް އެ ވަސީލަތުގެ ބޭނުން ހިފައިގެން މެނުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ނުގެނެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތަކެއް ރޭ ވަނީ އެ މީހުންގެ ހައްގުތަކުން މަހުރޫމް ވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ދޫނިދޫގައި ޖަލުގައި އެބަ ތިއްބެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭ ގައިދީންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ބަހައްޓާފައި ވަނީ މާފުށީ ޖަލުގެ ޖާގައިގެ ދަތިކަން ނެތުމުން ކަމަށެވެ. އެ ގޮތުން މާފުށި ޖަލަކީ 1300 ގައިދީންގެ ޖާގައެއް އޮންނަ ޖަލަކަށްވީއިރު އެ ޖަލުގައި މިހާރު ވެސް 2000 އަށްވުރެ ގިނަ ގައިދީން ތިބި ކަމަށެވެ.
އެ ކަމަށް އިޝާރާތް ކުރަައްވައި އުމަރު ނަސީރު ވިދާޅުވީ ޖަލުތައް ފުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ޗައިނާއިން އޯޑަރު ކޮށްގެން ރާވާލެވޭ ޕްރީފެބް ޖަލެއް ގެނެސްފައިވާ ކަމަށާއި އެލެކްޓްރޯނިކް ޓެގް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ދެ މަޝްރޫއު ކުރިއަށް ގޮސްގެން މެނުވީ ޖަލުތައް ފުރުމުގެ މައްސަލައަށް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެނިހެން ގައުމުތަކުގައި ވެސް މިފަދަ މައްސަލަތައް ހައްލު ކުރަނީ މި ދެންނެވި ގޮތަށް،" އުމަރު ވިދާޅުވި އެވެ.
ޖަލުތައް ފުރުމުގެ މައްސަލަ ހައްލު ކުރަން ޓެގް ބޭނުން ކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއިރު، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހދ. ނޭކުރެންދޫގައި ޖަލެއް ގާއިމު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަންނަ އަހަރުގެ ތެރޭގައި އެ ޖަލުގެ މަސައްކަތް ނިމި ހުޅުވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުށްވެރިންނަށް ޖަލު ބަންދު ކުރަން ކުރާ ހުކުމްގެ ބަދަލުގައި އެހެން އަބަދެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހޯމް މިނިސްޓްރީއާއި ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން އެއަށް މަސައްކަތް ކުރާނެ ކަމަށެވެ.