މުހައްމަދު ނާޒިމް

އިސްކަންދޭންވީ ކުށްތައް ހުއްޓުވަން: ނާޒިމް

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ އިސްކަންދޭންވީ ކުށްކުރުން ހުއްޓުވާ، ކުށްކުރާ މީހުން މުޖްތަމައުއަށް އަނބުރާ ގެނައުމުގެ މަސައްކަތަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތައް މަހުރޫމްވެފައިވާ ކަމަށް ބުނެ ރޭ ދޫނިދޫގައި ބައެއް ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނާ ގޮތުގައި ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ދޫނިދޫގައި ޖަލުގައި އެބަ ތިއްބެވެ.

އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޖަލުގެ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރަތް ކުރައްވާ މެންބަރު ނާޒިމް ވިދާޅުވީ ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ އިސްކަންދޭންވީ ކުށްކުރުން ހުއްޓުވާ، ކުށްކުރާ މީހުން މުޖްތަމައުއަށް އަނބުރާ ގެނައުމުގެ މަސައްކަތަށް ކަމަށެވެ.

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްވުރެ، ރީހެބިލިޓޭޝަނަށް އިސްކަންދެއްވައި އަދި ކުށްތައް ކޮންޓްރޯލް ކުރުމުގެ ޕޮލިސީތަކަށް އިސްކަންދެއްވައި، އެ ޕޮލިސީތައް ތަންފީޒު ކުރެއްވުމަށް ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނަށް އިލްތިމާސް ދަންނަވަން
ކާނަލް މުހައްމަދު ނާޒިމް | ކުރީގެ ޑިފެން މިނިސްޓަރު

އިމްރާން މިއަދު ވިދާޅުވީ ޖަލުތައް ފުރުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށެވެ. ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ މާފުށީ ޖަލަކީ 1300 އެއްހާ ގައިދީންގެ ޖާގައިގެ ޖަލަކަށްވީއިރު އެ ތަނުގައި 2000 އަށްވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ހޯމް މިނިސްޓްރީން ރާވާފައި ހުރި މަސައްކަތްތައް ނިމިގެން ދިޔުމާއެކު، ޖަލުގެ ޖާގައަށް އެކަށީގެންވާ ބޮޑު ހައްލެއް ސަރުކާރަށް ގެނެވޭނެ ކަމަށެވެ. އެ ގޮތުން ފާހަގަ ކުރެއްވީ ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަޝްރޫއެވެ.

"ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ޕްލޭން ކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެން ދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެން ދާނެ. މި އަންނަ އަހަރު އިރާދަކުރެވިއްޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެން ދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. " މިނިސްޓަރ ވިދާޅުވިއެވެ.