ޓެރަރިޒަމް

ހަރުކަށި ފިކުުރުގެ މީހުން މައުލޫމާތު ފޯރުކޮށްދިނުމަށް އެދިއްޖެ

ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން އެދިއްޖެ އެވެ.

އެ ސެންޓަރުން ނެރެފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވީއިރު، މިއީ އަންނަން އޮތް ޖީލުތަކަށް ފިކުރީގޮތުން ކުރިއަށް ދިއުމާއި، ގައުމީ ތަރައްގީގެ ދަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ހަރުކަށި ފިކުރު ފަތުރާ މީހުން ރެއާއި ދުވާލު، އިންޓަނެޓްގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސިއްރިއްޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންސީޓީސީން ބުނެފައިވެއެވެ.

އެހެން ކަމުން އެންމެހާ ރައްޔިތުން އެކަމަށް ސަމާލުވެ ހަރުކަށި ފިކުރު ފަތުރާ މީހުންގެ މައުލޫމާތު ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ، މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ހަރުކަށިވެފައިވާ 1400 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިއަދު ނުކޮށްފިނަމަ ރާއްޖެ އަނބުރާ ނުހޯދޭނެ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

މިފަހުން ސަރުކާރުން ވަނީ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ހަރުކަށި ފިކުރު ނައްތާލުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ހައްޔަރުކޮށް، ބައެއް އިލްމުވެރިންނަށް ދީފައިވާ ހުއްދަތައްވެސް ވަނީ ހިފަހައްޓާފައެވެ.