ހަބަރު

އިސްލާމިކް މިނިސްޓަރު ވަކިކުރަން އެމްޑީޕީގެ މެންބަރަކު ހުށަހަޅަނީ

Dec 24, 2019
6

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށް އެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަލީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރު އޭނާގެ ޒިންމާ އަދާ ކުރަން ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވަން އޭނާ ގޮވާލައްވާ ކަމަށެވެ. މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ކަމުން އިސްތިއުފާ ނުދޭ ކަމަށް ވަންޏާ މަޖިލިސް ހުޅުވުނީމަ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނަން، އަދި އަޅުގަނޑު އިސްކޮށް އެ މަސައްކަތުގައި ހަރަކާތްތެރިވާނަން." އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އޭނާ ނިންމެވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރަށް އެކަށޭނެ ފިޔަޅުތައް ނޭޅޭތީ ކަމަށް އަހުމަދު ހަލީމް ވިދާޅުވި އެވެ. އަދި މަޖިލީހުން އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ނިމިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.